އެމެރިކާ މީހަކު ނޯތު ކޮރެއާ އިން ހައްޔަރުކޮށްފި
އެމެރިކާ މީހަކު ނޯތު ކޮރެއާ އިން ހައްޔަރުކޮށްފި

ޕިއޮންޔޮން (އެޕްރީލް 23) - ނޯތު ކޮރެއާ އިން ފުރަން އުޅުނު އެމެރިކާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސައުތު ކޮރެއާގެ މީޑިއާ އިން ބުނެފި އެވެ.

ނޯތު ކޮރެއާ އިން ހައްޔަރުކުރި އެމެރިކާ މީހާގެ ނަން ކަމަށް ބުނެފައި ވަނީ ހަމައެކަނި ކިމް އެވެ. ސައުތު ކޮރެއާ އިން ބުނީ ނޯތު ކޮރެއާ އިން ހައްޔަރުކުރި އެމެރިކާ މީހާ އަކީ ޗއިނާގެ ޔަންބިއަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށެވެ. އަދި އޭނާ ނޯތު ކޮރެއާ އަށް ދިޔައީ އެއް މަސް ދުވަހުގެ ރިލީފް ޕްރޮގްރާމެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ ނޯތު ކޮރެއާ އިން ހައްޔަރުކުރި އެމެރިކާގެ ތިން ވަނަ މީހާ އެވެ. މީގެ ކުރިން އެކަކު ހައްޔަރު ކުރީ ޖާސޫސް ކުރަން އުޅުނު ކަމަށް ބުނެ އެވެ. ދެ ވަނަ މީހާ ހައްޔަރު ކުރީ ހޮޓަލެއްގައި ހުރި ނިޝާންތަކެއް ގެންދަން އުޅުނު ކަމަށް ބުނެ އެވެ. ނޯތު ކޮރެއާގެ ޕްރޮޕަގެންޑާ ނިޝާނެއް ގެންދަން އުޅުނު ކަމަށް ބުނެ މިިދިޔަ އަހަރުގެ ހައްޔަރުކުރީ އެމެރިކާގެ 21 އަހަރުގެ ދަރިވަރެކެވެ. ނޯތު ކޮރެއާ ސަރުކާރާ ދެކޮޅު އަމަލެއް ހިންގަން އުޅުނު ކަމަށް ބުނެ އޭނާގެ މައްޗަށް މިދިޔަ އަހަރުގެ މާޗް މަހު ވަނީ ބުރަ މަސައްކަތާ އެކު 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ނޯތު ކޮރެއާ އިން ހައްޔަރުކުރި ސައުތު ކޮރެއާ އަށް އުފަން ނަމަވެސް އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކިމް ޑޮން-ޗުލް އަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ޖާސޫސް ކުރި ކަމުގެ ކުށުގައި ބުރަ މަސައްކަތާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭނާ ހައްޔަރު ކުރީ އޮކްޓޯބަރު 2015 ގަ އެވެ.

އެމެރިކާ މީހަކު ނޯތު ކޮރެއާ އިން ހައްޔަރު ކުރި އިރު ދެ ގައުމުގެ މަޝްރަހު ވަނީ ހޫނުވެފަ އެވެ. އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކާލް ވިންސަން ކޮރެއާ ޕެނިންސުލާ އަށް މި ހަފުތާގައި ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނޯތު ކޮރެއާ އިން ތަކުރާރުކޮށް ދަނީ އެމެރިކާ އަށް މިސައިލް ހަމަލާ ދޭނެކަމުގެ އިންޒާރު ދެމުންނެވެ.