ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯސްޓްގެ
ވިއުގައިގެ ތެރެއިން މާކެޓް ހޯދައިދިނުމަށާއި ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން
އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ ޕޯސްޓްގެ އިދާރާ، ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް
ގުޅިގެން އެމްއެސްއެމްއީ ސެކްޓަރަށް އަމާޒުކޮށް ހިންގާ ދިރާސީ މަސައްކަތްތަކެއް
މޯލްޑިވްސް ޕޯސްޓާ ގުޅިގެން ފަށައިފި އެވެ.
މި މަސައްކަތް ފެށުމަށް މޯލްޑިވްސް ޕޯސްޓުގައި އިއްޔެ ބޭއްވި އިފްތިތާހީ ބައްދަލުވުން
ޝަރަފުވެރިކޮށްދެއްވީ މިނިސްޓަ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޑރ. އަބްދުﷲ ނަޒީރު އެވެ. އެ ބައްދަލުވުމުގައި ޔުނިވާސަލް ޕޯސްޓަލް ޔޫނިއަންގެ އެކްސްޕާޓް ޓީމްގެ މެމްބަރުންނާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުގެ އިސްވެރިންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރާއި އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ އިފްތިތާހީ ބައްދަލުވުން
ޝަރަފުވެރިކޮށްދެއްވަމުން ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި
މަސައްކަތްތައް ކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި ތާއީދު މިނިސްޓްރީގެ ފަރާތުން
ލިބޭނެ ކަމަށާއި، މި މަސައްކަތަށް ބޭނުންވާ ގާނޫނީ އަދި ރެގިއުލޭޓަރީ މާހައުލެއް
ގާއިމުކޮށް، ގުޅުންހުރި މުއައްސަސާތައް ގުޅުވައިގެން، ދިރާސާއިން ހޯދޭ ނަތީޖާތައް އަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަށް މިނިސްޓްރީން ޖާމިނުވެފައިވާ ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0"
އާއި "ޑިޖިޓަލް-ފަސްޓް ނޭޝަން" ގެ ވިސްނުމާ އެއްގޮތަށް ކުރެވޭ
މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ. ރަށެއްގައި ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރަކާ ހަމައަށް ދިއުމަކީ
ހަމައެކަނި އޮންލައިން ފިހާރައެއް ހުޅުވުމެއް ނޫން ކަމަށާއި، ފައިސާ ލިބުމާއި،
ޓްރާންސްޕޯޓޭޝަނާއި ލިޔެކިޔުން ބެލެހެއްޓުމާއި ކަސްޓަމްސް މުއާމަލާތްތަކާއި އިތުބާރާ އެކު
ޑެލިވަރީ ވެސް ހަމަޖެހެން ޖެހޭކަމާއި އޯޑަރެއް ފުރިހަމަ ކުރުމަށް ބޭނުންވާ ތަކެތި
ގަނެވޭނެ ނިޒާމެއް ގާއިމުވާންޖެހޭނެ ކަމަށްވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ އެ ހިދުމަތްތައް ފުރިހަމަކަމާ އެކު ލިބެންނެތް ނަމަ އެންމެ ބޮޑު ބުރައެއް
އުފުލަން ޖެހެނީ އެންމެ ކުދި ވިޔަފާރިތަކަށް ކަމަށެވެ. އެހެންވެ، މި އިސްނެގުމުގެ
ތެރެއިން ޕޯސްޓަލް ހިދުމަތްތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި އިސްލާމިކް
ފައިނޭންސިން ހިމެނޭހެން މާލީ ހިދުމަތްތައް އެއްތަނަކަށް ގެނެވޭނެ ކަމަށް ވެސް
ވިދާޅުވި އެވެ.
މޯލްޑިވްސް
ޕޯސްޓް، މޯލްޑިވްސް ކަސްޓަމްސް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަދި
މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ މަސްއޫލިއްޔަތުތައް ހިމެނޭ މިނިސްޓްރީގެ
ހައިސިއްޔަތުން، މި މަސައްކަތުގައި މުހިންމު ކޯޑިނޭޓިން ދައުރެއް އަދާކުރާނެ
ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ޑިޖިޓަލް-ފަސްޓް
ނޭޝަންގެ ތަސައްވަރުގެ ދަށުން، އަމާޒަކީ ކޮންމެ ރަށެއްގައި ތިބި
ވިޔަފާރިވެރިންނަށް ވެސް ވިޔަފާރިއެއް ބިނާކޮށް، އާ ބާޒާރުތަކަށް ވާސިލުވެ،
ގައުމީ ތަރައްގީއަށް ހިއްސާވުމުގެ ހަމަހަމަ ފުރުސަތު ލިބިދިނުން ކަމަށެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހަމަ ހަމަ ފުރުސަތުތަކެއް
ގޭގައި ތިބެގެން މަސައްކަތްކުރާ ކަނބަލުންނާއި ޒުވާން ވިޔަފާރިވެރިންނާއި ހާއްސަ
އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުދި ވިޔަފާރިތަކަށް ލިބިދިނުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.
އެ އިފްތިތާހީ ބައްދަލުވުމުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަފީގު ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޕޯސްޓްގެ ދައުރުގެ މައްޗަށް ބައްލަވާލައްވައި ކޮމިއުނިކޭޝަންގެ އަސާސީ ވަސީލަތެއްގެ ގޮތުގައި ފަރުދުންނާއި ވިޔަފާރިތަކާ އަދި ރާއްޖެއާ ރާއްޖޭން ބޭރާ ގުޅުވައިދިނުމުގައި ޒަމާންތަކަކަށް މުހިންމު ދައުރެއް ޕޯސްޓު އަދާކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި ދުނިޔޭގެ މުވާސަލާތީ ނިޒާމަށާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ބަދަލުވަމުންދާ ކޮމިއުނިކޭޝަން މާކެޓްގެ ބޭނުންތަކާ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކާއި އޮޕަރޭޝަން ހަރުދަނާކޮށް ތަރައްގީކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް އީޓުކުރި އާއި ކޮމިއުނިޓީ އޮންލައިން ޝޮޕް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތައް ގާއިމްކުރެވިފައިވާ ކަމަށާއި އެ ފްލެޓްފޯމްތައް މެދުވެރިކޮށް އުފެއްދުންތެރިންގެ މުދާ ގަނެވިއްކޭނެ އޮންލައިން ބާޒާރެއް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ގްލޯބަލް ޕޯސްޓަލް ނެޓްވާރކް މެދުވެރިކޮށް ރާއްޖޭންބޭރުން ބާޒާރު ހޯދައި ދިނުމުގައި ޓްރޭޑް ފެސިލިޓޭޓަރެއްގެ ދައުރުގައި މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަމަށް އެމްޑީ ވިދާޅުވި އެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ އިއްޔެ ފެށި އިފްތިތާހީ ބައްދަލުވުމާއި އެކު، ފަސް ދުވަހުގެ
މުއްދަތަކަށް ކަމާބެހޭ ޕޮލިސީ އަދި ރެގިއުލޭޓަރީ އިދާރާތަކާއި އެހެނިހެން
ސްޓޭކްހޯލްޑަރުންނާއެކު ކުރެވޭ މަޝްވަރާތަކުގެ އަލީގައި އެމްއެސްއެމްއީ
ސެކްޓަރަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށް ޓެކްނިކަލް
އެސިސްޓަންސް ޕްރޮގްރާމްތަކެއް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށެވެ.
ޔުނިވާސަލް ޕޯސްޓަލް ޔޫނިއަންއާ ގުޅިގެން ޕޯސްޓް އޮފީހުން ކުރިއަށް ގެންދާ ދިރާސީ މަސައްކަތްތަކަށް އެކްސްޕާޓް
ޓީމެއް މި މަހުގެ އެއް ވަނަ ދުވަހުން 5 ވަނަ ދުވަހަށް ރާއްޖެއަށް ޒިޔާރަތްކޮށް، މި
ދަތުރުގައި ސަރުކާރުގެ ޕޮލިސީ އަދި ރެގިއުލޭޓަރީ އިދާރާތަކާއި، ކަމާގުޅޭ
އެހެނިހެން ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ
ވިޔަފާރިތައް ތަރައްގީކުރުމާއި އިގްތިސާދީ ކުރިއެރުމަށް ޕޯސްޓަލް ނެޓްވާކްގެ
ތެރެއިން ހުރި ފުރަސަތުތަކާއި އެސްއެމްއީ ސެކްޓަރަށް އީކޮމާސްގެ ދާއިރާއިން
ފުރަސަތުތައް ފަހިކޮށްދިނުމުގައި ޕޯސްޓަލް ސެކްޓަރަށް އަދާކުރެވޭނެ ދައުރާއި އަމަލީ
ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.
މި ކަމުގެ
މަގުސަދަކީ ޕޯސްޓަލް ނެޓްވާކް ބޭނުންކޮށްގެން، އެންމެ ކުދި ކުދި އަދި
މެދުފަންތީގެ ވިޔަފާރިތައް ރާއްޖެ އާއި ބައިނަލްއަގުވާމީ
ހުރިހާ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުސަތު ފުޅާކުރުމާއި ޓެކްނޮލޮޖީގެ ދާއިރާއިން
ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އީކޮމާސް އާއި ލޮޖިސްޓިކްސް އާއި ޑިޖިޓަލް ޗެނަލްތަކުން އިމެއްނެތި
ހުރި ފުރުސަތުތަކާއި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޕޯސްޓަލް
ނެޓްވޯކް މެދުވެރިކޮށް ރާއްޖެ އާއި ދުނިޔެއާ ގުޅުވާލަދިނުމުގައި މޯލްޑިވްސް
ޕޯސްޓުން މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު، "ޕްރޮސްޕާ އެމްއެސްއެމްއީސް" ފަދަ އިނިޝިއޭޓިވްއެއްގެ ތެރެއިން ރާއްޖޭގެ
ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުސަތު ފުޅާކޮށްދީ،
ރާއްޖޭގައި ވިޔަފާރި ފަސޭހަކޮށްދިނުމުގައި ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ދައުރު
އިތުރަށް ފުޅާކުރުމަކީ ކުންފުނީގެ އަމާޒުކަމަށް އެކުންފުނިން ބުންޏެވެ.