ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް ބީއެމްއެލް
ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ. 

ބޭންކުން ބުނީ އެ ހިދުމަތާ އެކު، ބައިނަލްއަގުވާމީ
ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި
ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ، ކޮންމެ ތަނަކުން ވެސް ޑޮލަރުން ފައިސާ
ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި މިގޮތަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރާ ޔޫއެސްޑީ ޑެބިޓް ކާޑު
ބޭނުންކޮށްގެން، އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ
އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ ކަމަށް ބޭންކުން ބުންޏެވެ. 

ބީއެމްއެލްއިން ބުނީ އެ ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުގެ
ވަގުތެއްގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ޕޯޓަލް މެދުވެރިކޮށް
ހުޅުވާލާނެ ކަމަށެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ
ވިޔަފާރިއަކަށް ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ
މަސައްކަތްތައް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ. އެ މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ
އެކައުންޓާއި ޕޭމަންޓްގޭޓްވޭ ލިންކުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް،
ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ
މަސައްކަތެކެވެ. މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ
މާކެޓްތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް،
ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ބޭރުފައިސާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.