ބޭންކް އޮފް
މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ދިވެހި ޒުވާނުން ކުދި ވިޔަފާރިތައް ފަށަން ތައާރަފްކޮށްފައިވާ ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންގެ ދެވަނަ
ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ހިޔާލުތައް، ހަގީގަތަކަށް ބަދަލުކޮށްލަން ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި
ފޯރުކޮށްދޭން އެކުލަވާލާފައިވާ ފައިނޭންސިން ފެސިލިޓީއެކެވެ.
ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން ހާއްސަކޮށްފައި ވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި
ފެސިލިޓީގެ ދަށުން، އެއްވެސް ހަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި އަދި އެއްވެސް
ރަހުނަކާ ނުލައި 150،000ރ. އާ ހަމައަށް ފައިނޭންސިން ދޫކުރާނެ އެވެ. އަހަރަކަށް 7 ޕަސެންޓުގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދައްކަން 6 މަހުގެ ގްރޭސް
ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
މި ފައިނޭންސިން ފެސިލިޓީގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި
ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް
ދަސްކޮށްދިނުމަށާއި، ފައިނޭންސިން އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި
ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް
ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފަ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެ އެވެ.
މި ޕްރޮގުރާމްގައި އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
ޔޫތް އޮންޓްރާނިޝިޕް ފައިނޭންސިންގެ މި ފިޔަވައްސަށް
ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް
އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންއާ
ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ފުރުސަތަކަށް ޒުވާނުން ބޭނުންވެފައިވާ މިންވަރު ހާމަވިކަން ފާހަގަކުރި އެވެ.
އޭނާ ވިދާޅުވީ ޒުވާނުންނަށް އެ މީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު
މި ފައިނޭންސިން މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ
ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި
ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ
އިތުރު އަދަދެއްގެ ފައިނޭންސިން ވަނީ ފޯރުކޮށްދީފަ އެވެ.