ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކައާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި، ސިހުރު ހެދުމުގެ ގޮތުން، މަށިން ހަދާފައިވާ ބުދަކަށް ކަށިތައް ހެރުމުން ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިކަން ކުރީ ކޮލަމްބޯގެ ވިހާރަމަހާދޭވީ ޕާކުގައި ބުޑިސްޓް ހާމުދުރުންގެ ގްރޫޕަކުން އިސްނަގައިގެން ބޭއްވި މުޒާހަރާއެއްގަ އެވެ.

ނޭޝަނަލް އިންޓެލެކްޗުއަލްސް އޯގަނައިޒޭޝަން (އެންއައިއޯ) އިން  މިއަދު ބޭއްވި އެ ޖަމިއްޔާގެ ގައުމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑިސެނަޔަކަ ވަނީ މިއީ ކޮން ކަހަލަ ޖާހިލު ވިސްނުމެއްތޯ ސުވާލު ކުރައްވައިފަ އެވެ.

މިއަދު ހެނދުނު ކޮލަމްބޯގެ މާލިގާވައްތަ ޕީޑީ ސިރިސޭނާ ސްޓޭޑިއަމްގައި ބޭއްވި މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ އިލްމުވެރިންނާއި ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

"މަށިން ހަދާފައި ހުންނަ ސޫރައަކަށް ކަށި ހެރުމުން، އަނެކާއަށް އޭގެ ތަދު އިހުސާސް ކުރެވޭނެ ކަމަށް ގަބޫލުކުރަން އެއީ ކޮން ކަހަލަ ނަފްސާނީ ދަށު ދަރަޖައެއް؟ އެއީ ކޮން ކަހަލަ ބަޔަކު ގެންގުޅޭ ވިސްނުމެއް؟" ރައީސް ސުވާލު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ހަޑިހުތުރު އަދި ބާތިލް އަމަލުތަކާއި، ނަފްރަތު އުފެއްދުމަށް ދޮގު ވާހަކަތައް ފެތުރުމުގެ ފަހަތުގައިވަނީ ގައުމަށް އަންނަމުންދާ ސިޔާސީ ބަދަލުތައް ބަލައިގަންނަން އުނދަގޫވެފައި ތިބި ބައެއް ކަމަށެވެ. އަދި ނޭޝަނަލް ޕީޕަލްސް ޕަވަ (އެންޕީޕީ) ގެ ސަރުކާރުން ގެންނަ އިސްލާހީ ބަދަލުތަކުގެ ސަބަބުން، ކުރީގެ ސިޔާސީ ނިޒާމުން ނާޖާއިޒު ފައިދާ ނަގަމުންދިޔަ ގްރޫޕްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ޖަވާބުދާރީވާން ޖެހިދާނެތީ އެފަރާތްތަކުން ބިރުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ސްރީ ލަންކާގެ ސިޔާސީ މައިދާނަކީ ޒަމާނުއްސުރެ ސިހުރު ހެދުމާއި ނުފޫޒުގަދަ ފަންޑިތަވެރިންގެ އެހީ ހޯދުން އާންމުވެފައިވާ ތަނެކެވެ. މީގެ ކުރިން، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވެސް އޭނާގެ އަމިއްލަ "ކަންވެރިޔާ" ލަފާގެ މަތިން، އަލުން ވެރިކަން ލިބޭނެ ކަމަށް ބަލައިގެން، ދައުރު ހަމަވުމުގެ ދެ އަހަރު ކުރިން އިންތިހާބު ބޭއްވި އެވެ. އެކަމަކު އެފަހަރު ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާ އެވެ.

ސިހުރު ހެދި ހާދިސާއަށް އިޝާރާތްކުރައްވައި ރައީސް ޑިސެނަޔަކަ ވިދާޅުވީ މިއީ ބުދުދީނުގެ އެންމެން ލަދު ގަންނަން ޖެހޭ ފަދަ އަމަލުތައް ކަމަށެވެ.