އެމެރިކާ ނުވަތަ އިޒްރޭލުން ހަމަލާއެއް ދީފި ނަމަ، ވަކި ސަރަހައްދަކަށް ބެލުމެއް ނެތް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސް ލީޑަރު މުޖުތަބާ ޚާމަނާއީ މިއަދު ދެއްވައިފި އެވެ.
އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާ ބައްދަލުކުރެއްވުމަށް ފަހު މުޖުތަބާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ގައުމާ ދެކޮޅަށް ކުރިމަތިކުރާ ކޮންމެ ފެންވަރެއްގެ ނުވަތަ ކޮންމެ ބާވަތެއްގެ ނުރައްކަލަކަށް ވެސް ވަގުތުން، ވަރުގަދަ އަދި ވަކި ޖިއޮގްރަފިކަލް ސަރަހައްދެއް އިސްތިސްނާކުރުމެއް ނެތި ރައްދު ހަމަލާ ދޭން ޖެހޭނެ ކަމަށެވެ.
"ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ދޭން ޖެހޭނީ ވަގުތުން އަސަރުކުރާނެ، އަދި ވަކި ސަރަހައްދަކަށް ބެލުމެއް ނެތް ފުޅާ ރައްދެއް،" އީރާނުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އީރާނުން މިފަދަ ވަރުގަދަ އިންޒާރެއް ދީފައި މިވަނީ ސަރަހައްދީ ހަމަނުޖެހުންތައް ބޮޑުވެފައި ވާއިރު، އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ނިއުކްލިއާ ނުވަތަ އަސްކަރީ މަރުކަޒުތަކަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުން މި ދިން އިންޒާރާ އެކު މުޅި މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ހަނގުރާމަ ފުޅާވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް 47 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވާއިރު އެމެރިކާގެ މިޑް ޓާމް އިލެކްޝަނަށް ފަހު އީރާނަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިޝާރާތްތައް ދަނީ ދެމުންނެވެ.
މީގެ އިތުރުން، އީރާނުގެ މަދަދުލިބޭ ޔަމަނުގެ ހޫތީން ވެސް ސައޫދީއަށް ހަމަލާ ދެމުން ދާއިރު ސަރަހައްދަށް ހަމަޖެހުން ގެނެވޭތޯ ކުރާ މަޝްވަރާ ވެސް ދަނީ ކުރިއަށެވެ.