23 އެޕްރީލް 2017 - 11:51

ޕެރިސް (އެޕްރީލް 23) - ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ފްރާންސްގެ ރިޔާސީ އިންތިޚާބުގައި މިއަދު ވޯޓުލާން ފަށައިފި އެވެ.
އިންތިޚާބަށް ތައްޔާރުވަމުން ދިޔަ އިރު މީގެ ތިން ދުވަސްކުރިން ވަނީ ޕެރިހުގައި ހަމަލާދީ ފުލުހުންގެ މީހަކު މަރާލައިފަ އެވެ. ބުރާސްފަތި ދުވަހު ދިން ހަމަލާ އަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ވަނީ 50،000 ފުލުހުންނާއި 7،000 ސިފައިން ނެރެފަ އެވެ. ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް އެންމެ ބޮޑަށް ބަހުސްކޮށްފައި ވަނީ ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކާ ބެހޭ ގޮތުންނެވެ.
ފްރާންސްގެ އިންތިޚާބުގައި ދަނީ 11 ކެންޑިޑޭޓުން ވާދަކުރަމުންނެވެ. ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓަށް ވުރެ އިތުރަށް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރުގައި ވޯޓުލުން އޮންނާނީ މެއި 7 ގަ އެވެ.
ރައީސް ފްރާންސުވާ ހޮލެންޑާ ދެ ވަނަ ދައުރަކަށް ވާދައެއް ނުކުރައްވަ އެވެ. އަދި މިއީ ފްރާންސްގެ ފަހުގެ ތާރީޚުގައި ދެ ވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމެވި ހަމައެކަނި ރައީސް އެވެ.