23 އެޕްރީލް 2017 - 11:32

ފްލޮރެންސް (އޭޕްރިލް 23) – ކެޕްޓަން މައުރޯ އިކާޑީ ހެޓްރިކެއް ހެދި ނަމަވެސް އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އަތުން 5-4 އިން ބަލިވެ، އަންނަ ސީޒަނުގައި ޔޫރަޕުން ޖާގައެއް ހޯދުމުގެ ފުރުސަތު އިންޓަ މިލާނަށް ހަނިވެއްޖެ އެވެ.
އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ ދެ މެޗު އެއްވަރުވެފައިވާ އިންޓަ އޮތީ 56 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ހަ ވަނައިގައި 58 ޕޮއިންޓާ އެކު އޭސީ މިލާން މިރޭ އެމްޕޮލީ އަތުން މޮޅުވެއްޖެ ނަމަ ދެ ޓީމުގެ ފަރަގު ފަސް ޕޮއިންޓަށް ބޮޑުވާނެ އެވެ. ޔުރޮޕާ ލީގުގެ ފަހު ޖާގަ ލިބޭނީ ފަސް ވަނަ ޓީމަށެވެ. މި ވަގުތު އެ މަގާމުގައި 61 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ލާޒިއޯ އެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި މަޓިއަސް ވެޗީނޯ ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު އިވާން ޕެރިސިޗާއި އިކާޑީގެ ލަނޑުން އިންޓަ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނަގައިފަ އެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ފިއޮރެންޓީނާ އިން ވަނީ ހަތަރު ލަނޑު ޖަހައި އަލުން ކުރި ހޯދައިފަ އެވެ. މެޗުގެ 88 ވަނަ މިނެޓާއި 90 ވަނަ މިނެޓުގައި އިކާޑީ އިންޓަ އަށް އިތުރު ދެ ގޯލް ޖަހައިދީ ހެޓްރިކެއް ހެދި ނަމަވެސް، ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ.
ލީގުގެ އެއް ވަނައިގައި 80 ޕޮއިންޓާ އެކު އޮތް ޔުވެންޓަސް އިން މިރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި ޖެނޯއާއާ ދެކޮޅަށެވެ. ދެ ވަނައިގައި 72 ޕޮއިންޓާ އެކު އޮތް ރޯމާ މާދަމާރޭ ބައްދަލުކުރާނީ ޕެސްކާރާއާ އެވެ.