24 އެޕްރީލް 2017 - 06:15

ކުޑަކުދިން ދުވެ، ފުމެ މާބޮޑަށް ހަލަނިކޮށް އުޅުމަކީ ބައެއް ބެލެނިވެރިންނަށް ކެތްވާ ވަރުގެ ކަމަކަށް ނުވެ އެވެ. ރުޅިގަދަވެ ކުދިންނަށް އިންޒާރު ދޭ ސަބަބަކަށް މިކަން އޮންނަނީ ވެފަ އެވެ. އެކަމަކު އާ ދިރާސާއަކުން ދައްކަނީ ހަލަނިކޮށް އުޅުމުގެ ވަރަށް ބޮޑު ފައިދާއެއް ކުދިންނަށް އެބަ އޮތް ކަމަށެވެ.
ހަލަނިކޮށް އުޅުމުން ކުދިންގެ ހަށިގަނޑުގެ މަސްތައް ވަރުގަދަވުމުގެ ފުރުސަތު އޮވެ އެވެ. ދިރާސާގައި ބުނަނީ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުދިންގެ ވިސްނުމާއި ހަނދާނުގެ ބާރު ގަދަވުމަށް ފުރުސަތު ބޮޑުވާ ކަމަށެވެ.
މި ދިރާސާކުރުމަށް، އުމުރުން 9-11 އަހަރުގެ 79 ކުއްޖަކު ބައިވެރިކޮށްފައިވެ އެވެ. ހޯދުންތަކުން އެނގުނީ މަސްތަކުގެ ވަރުގަދަކަމާއި ކުދިންގެ ވިސްނުމާއި ހަނދާނުގެ ވަރުގަދަކަމާ ސީދާ ގުޅުން އެބަހުރި ކަމެވެ. މިއީ ހަރަކާތްތެރިކޮށް އުޅޭ ކުދިންގެ ވިސްނުމާއި ތައުލީމީ ގާބިލްކަން ވެސް ރަނގަޅު ކަމަށް މީގެ ކުރިން ދައްކާފައިވާ ދިރާސާތަކަށް ބާރު ލިބުނު ދިރާސާއެކެވެ.
"ކަސްރަތުން ކުދިންނަށް ފައިދާކުރާ ވަރަށް ގިނަ ގޮތްގޮތް އެބަހުރި ... ހަށިގަނޑު ރަނގަޅުވެ ސިކުނޑިއަށް ވެސް ފައިދާކުރޭ،" ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި، ބޮސްޓަންގައި ހުންނަ ނަދަން އީސްޓާން ޔުނިވަސިޓީގެ ޕްރޮފެސަރު ޗާލްސް ހިލްމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ކުޑަކުދިން ހަރަކާތްތެރިވެ އުޅުން ވަރަށް ބޮޑަށް މަދުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެކަށީގެންވާ ވަރަށް ވުރެ ފަލަވެ ސިއްހީ ގޮތުން ބަލިކަށިވާ ކަމަށެވެ.
މި ދިރާސާ މެޑިސިން ސައިންސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.