ސިހުމާއި ހިތާމަ: ޔާމީންގެ މަރުން އެތައް އަސަރެއް
ސިހުމާއި ހިތާމަ: ޔާމީންގެ މަރުން އެތައް އަސަރެއް

"ގެއްލިގެން އެ ދިޔައީ ހިތްވަރުގަދަ، އޯގާތެރި ފުރާނައެއް؛ މި ދުނިޔެ އަށް ބޭނުންވަނީ އެކަހަލަ މީހުން."

ސިހުމާއި ހިތާމަ: ޔާމީންގެ މަރުން އެތައް އަސަރެއް
ސިހުމާއި ހިތާމަ: ޔާމީންގެ މަރުން އެތައް އަސަރެއް

ޔާމީން ރަޝީދުގެ ކުއްލި މަރާ މެދު ހިތާމަފާޅުކުރައްވަމުން މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވާ މި ބަސްކޮޅު ފަދަ އެތައް ޝުއޫރަކުން ސޯޝަލް މީޑިއާ މިއަދު ދަނީ ގުގުމަމުންނެވެ. ރޭ ދަންވަރު ޔާމީންގެ ގައިގެ 14 ވަރަކަށް ތަނަށް ވަޅި ހަރައި މަރާލައި ގޭގެ ސިޑި މައްޗަށް އެއްލާލާފައި އޮއްވާ ފެނުމަކީ މުޅި ރާއްޖެ އަށް ލިބުނު ބޮޑު ސިހުމެކެވެ؛ އޭނާގެ ގާތް މީހުންނަށް، ބަޔާން ނުކުރެވޭ ވަރުގެ ފުން ހިތާމައެކެވެ.

އެކަން އެންމެ ބޮޑަށް ފެންނަމުންދަނީ ސޯޝަލް މީޑިއާ އިންނެވެ. ޔާމީން، 29، އެންމެ ފަހުން ޓްވީޓްކޮށްފައިވާ ރަތް ކުލައިގެ ފުއްޕާހަން އޭނާގެ ހަނދާނުގެ ރަމްޒަކަށް ވަނީ ވެފަ އެވެ.

ސަރުކާރުގެ އެކި ސިޔާސަތުތަކާއި ކޮރަޕްޝަނާއި ދީނީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް އަޑުއުފުލައި ހައްގުތަކަށް ވަކާލާތުކުރަމުން ގެންދިޔަ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރަށް ކުރިން އެތައް އިންޒާރެއް ލިބިފައިވާ ކަން އެނގުނަސް، އެންމެ ފަހުން އޭނާ މަރާލުން ވެގެން ދިޔައީ އެންމެންނަށް ވެސް ލިބުނު ބޮޑު ޝޮކަކަށެވެ.

"ޝޮކެއް. ގަބޫލުކުރަން ދަތި. މިއަދު މަސައްކަތެއް ކުރާނީ ވެސް ކިހިނެއް؟،" ވަޒީފާއެއްގައި އުޅޭ ޒުވާން އަންހެނަކު ފޭސްބުކްގައި ލިޔުނެވެ.

އެއް ބަޔަކު ތިބީ، ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅެމުން ގެންދިޔަ ޒުވާނާގެ ހިލަމެއް ދެން ނުވާނެކަން ގަބޫލުކުރަން ދަތިވެފަ އެވެ.

ޓްވިޓާގައި އެކަކު ސިފަކުރި ގޮތުގައި "ހަމަޖެހޭ ވާހަކައެއް ދެއްކި ހަމައެކަނި މީހަކީ" ޔާމީނެވެ. އެތައް ބަޔަކު އޭނާ ދެކެނީ ކަންކަން ހަމައަކަށް އަޅުވަން އިޚްލާސްތެރިކަމާ އެކު މަސައްކަތްކުރި، ގައުމު ދެކެ ލޯބިވާ ފުރިހަމަ ދިވެއްސެއްގެ ގޮތުގަ އެވެ.

ޔާމީންގެ މަރާ ގުޅިގެން ފާޅުކުރަނީ ހިތާމައިގެ ޝުއޫރުތައް އެކަންޏެއް ނޫނެވެ. ލިބެމުންދިޔަ މަރުގެ އިންޒާރުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް މިފަދަ ގޮތަކަށް އޭނާ މަރާލާފައި ވާތީ ފުލުހުންނަށް އަމާޒުވަމުންދާ ރުޅިވެރިކަން ވެސް ވަކި ކުޑައެއް ނޫނެވެ. އަދި ޔާމީންގެ މަރުގެ ފަހަތުގައި ތިބޭނީ އޭނާގެ ފާޑުކިޔުންތައް ރައްދުވި މީހުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ޔާމީން މަރާލުން ސިފަވަމުން ދަނީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ދިން ވަރުގަދަ، ބިރުވެރި ހަމަލާއެއްގެ ގޮތުގަ އެވެ. އެއާއެކު، އަމިއްލަ ސަލާމަތާއި ގައުމުގެ ހާލަތާ މެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެތައް ބަޔަކު ބުނަމުންދަނީ މިފަދަ ގައުމެއްގެ ރައްޔިތަކަށް ވީތީ ފަޚުރުވެރި ނުވާ ކަމަށެވެ.

ޔާމީންގެ މަރަކީ މީގެ ކުރިން ވެސް ދިވެހިން ތަޖުރިބާކޮށްފައިވާ ކަހަލަ ހާދިސާއެކެވެ. ވަޅި ހަރައި ގޭގެ ސިޑި މައްޗަށް އެއްލާލާފައި އޮއްވާ ފެނުނު ޑރ. އަފްރާޝީމް އަލީގެ މަރުގެ ހަނދާންތައް މިއަދު އަނެއްކާވެސް ދަނީ އާވަމުންނެވެ. އަދި ޔާމީނަކީ މީގެ ދެ އަހަރު ކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާންގެ އެންމެ ގާތް އެކުވެރިޔާ އަށް ވެފައި ރިލުވާނަށް ވީ ގޮތެއް ހޯދަން އޭނާ ކެނޑިނޭޅި މަސައްކަތްކޮށް ޚިޔާލުފާޅުކުރަމުން ގެންދިޔަކަން އެތައް ބަޔަކު ފާހަގަކުރެ އެވެ. އެއާ އެކު މީހުން ކުރާ ސުވާލަކީ، މި ޖަރީމާތަކަށް ދުވަހަކު ވެސް އިންސާފު ލިބޭނެ ހެއްޔެވެ؟ މި އަނިޔާވެރި އަމަލުތަކުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި ރައްޔިތުންނަށް ހާމަކޮށްދޭނެ ހެއްޔެވެ؟

އެއް ޒުވާނެއްގެ ޓްވީޓުގައި ސުވާލުކޮށްފައި ވަނީ އަނެއްކާވެސް މީހަކު މަރާލަންދެން އަޅާނުލާ ތިބެންވީތޯ އެވެ.

މި ވަގުތު އެންމެންގެ ޝުއޫރުތައް ހުރީ ސޯޝަލް މީޑިއާގަ އެވެ. ބަންޑުންވަމުންދަނީ ސިހުމާއި ހިތާމަ އާއި ރުޅިވެރިކަމާއި ޔާމީން ދެކެ ވީ ލޯބީގެ އަސަރުގަދަ ބަސްތަކެވެ؛ އޭނާ އެންމެ ފަހުން ޓްވީޓްކުރި ރަތް ފުއްޕާހަމުގެ ޖަވާބުގައި ފޮނުވަމުންދާ ރަތް ފުއްޕާހަންތަކެވެ.