މިހާރު 30: ހުވަފެން
މިހާރު 30: ހުވަފެން

ބާރުގަދަ ލޯތްބެއް ހޯދިދާނެއެވެ. ގަދަބާރުން ލޯތްބެއް ނުހޯދޭނެއެވެ. އަހަރެން އެ ކަން ގަބޫލުކުރަމެވެ. އަހަންނަށް އެންމެ ފުރަތަމަ ނުޒްހާ ފެނުނުއިރު އަހަރެންގެ އުމުރަކީ ނުވަ އަހަރެވެ. ލޯތްބަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ ނުޒްހާއާ ވާހަކަދައްކާހިތް ވާކަމެވެ. އޭނަ ދެކޭހިތް ވާކަމެވެ. އޭނަޔާ އެކުގައި އިސްކޫލުގައި ކުޅެމަޖާކުރަން އުޅޭއިރު ވަގުތު ދާލެއް ވަރަށް އަވަހެވެ. ނުޒްހާމަތިން އަބަދު ހަނދާންވެއެވެ. އެކަމަކު އެއީ އެކުވެރިއެއް ނޫނެވެ. އަހަރެންގެ ހުރިހާ އެކުވެރިންނަށް ވެސް އަހަރެން ލަނޑުދެމެވެ. ފިރިހެންކުދިން އެކަންޏެއް ނޫނެވެ. އަންހެންކުދިން ވެސް އޭގެތެރޭގައި ހިމެނެއެވެ. ނުޒްހާ ފިޔަވައެވެ. އަހަރެންގެ ހިތުން ނުޒްހާއަށް ދެވުނީ ޚާއްޞަ ކަނެއްކަން ފަހުން އެނގުނީ އެހެންވެއެވެ.

ނުޒްހާދެކެ އަހަންނަށް ވެވުނީ ލޯބިކަން އެނގުނީ އަހަރެންގެ އުމުރުން ތޭރަ އަހަރު ފުރުނު ފަހުންނެވެ. ލަފާކުރެވޭ ގޮތުގައި، އޭރު ނުޒްހާއަށް ވެސް އެ ކަން އިހުސާސް ކުރެވިއްޖެއެވެ. އުމުރާ އެކުގައި ދެމެދަށް ވެރިވާ ލަދުވެތިކަމުގެ ފަރުދާ އަހަރުމެންގެ ދެމެދަށް ވެސް ވެރިވިއެވެ. އެކަކަށް އަނެކަކު ފެނުނީމައި ހިތަށް އެ ވާ ގޮތަކާއި، ހެއަށް އެ ވާ ގޮތް އަމިއްލައަށް އިހުސާސް ކޮށްލައިގެން ތިބީއެވެ. ބުނާކަށް ނުކެރެއެވެ. ބީރައްޓެހިކަމުގެ ފާރު އުސްވެ، ފިނޑިކަމުގެ ފުރާޅުއެޅުމާ އެކު، ލޯބީގެ އެ ދޮރު ލައްޕައިލީއެވެ. އެހެންނަމަވެސް ތަޅެއް ނުލެވުނެވެ.

ވަގުތާއި ދިޔަވަރު އެކަކަށް ވެސް އިންތިޒާރެއް ނުކުރެއެވެ. އަހަރެންދެކެ ލޯބިވާ އަންހެންކުއްޖަކު ފެނި ކައިވެނި ކުރީމެވެ. ނުޒްހާ ވެސް ކައިވެންޏެއް ކުރިއެވެ. ހަޔާތުގެ ބައިވެރިޔާއަށް އަހަރުމެން ދެ މީހުން ވެސް ތެދުވެރިއެވެ. އަހަރުމެންގެ ނަސީބުގައި ހުރި ގޮތްކަމަށް ބަލައިފައި އެ ގޮތް ގަބޫލުކޮށްލީއެވެ. އެކަމަކު، ނުޒްހާމަތިން އަހަރެން ހަނދާނެއް ނުނެތެވެ. ދެކޭހިތް ވެސް ވެއެވެ. ބުނާ އަޑު އަހަމެވެ. ފުރަތަމަ ލޯބި ހަނދާނެއް ނުނެތޭނެއެވެ. އެއީ، އަހަރެންނަށް ދިމާވި ގޮތްކަމުގައި ވެދާނެއެވެ. ޔަގީނުން ވެސް އަހަރެންމަތިން ނުޒްހާ ހަނދާންނައްތައިލިއެވެ. މާލޭގެ އެއް އަވަށެއްގައި އުޅޭއިރު ވެސް، ފެންނަކަމަކަށް ނަހަދައެވެ. ދެ ބީރައްޓެހިން ވެސް އެ އަށް ވުރެ ރައްޓެހިވާނެއެވެ. ފެނިދާނެކަމަށް އިސްޖަހައިގެނެއް ނުދާނެއެވެ.

ތިން ކުދިންގެ ބައްޕައަކަށް އަހަރެން ވެ، އަހަރުތަކެއް ފާއިތުވިއިރު ވެސް ނުޒްހާ ހުރީ ކުރިން ހުރި ގޮތަށެވެ. އެންމެ ކުއްޖެއް ވިހެއުމަކުން އޭނަގެ ހަށިގަނޑަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ނުވަތަ ރުހުމުގެ ލޮލަށް އައިބު ނުފެންނަނީ ކަމަށް ވެސް ވެދާނެއެވެ. ނުޒްހާއާ ބައްދަލުކޮށްލުމުގެ ޝައުޤުވެރިކަން ކުޑައެއް ނުވިއެވެ. އަހަންނަށް ހުރަހަކަށް ވީ އަހަރެންގެ ކާމިޔާބު ދިރިއުޅުމެވެ. އަތްމަތި ތަނަވަސްވިއެވެ. ވިޔަފާރި ފުޅާވިއެވެ. ސިޔާސީގޮތުން ނުފޫޒު ގަދަ މަޤާމެއް ލިބުނެވެ. ޕޯޑިޔަމްތަކާއި ޓީވީތަކުން އަހަރެންގެ އަޑު ގުގުމަން ފެށިއެވެ. އެ މަޝްހޫރުކަމުގެ ސަބަބުން، ދިރިއުޅުން ވަކި މިންގަނޑުތަކެއްގައި ހިފަހައްޓަން އަހަންނަށް މަޖުބޫރުވިއެވެ. ވަކި ސިފައެއް މީހުންނަށް ދައްކަން އިސްކަން ދޭންޖެހުނެވެ. ކޮނޑާކޮނޑު ޖެހޭ ހިސާބުގައި ނުޒްހާ ހުއްޓަސް ވައްކަޅިން ނޫން ގޮތަކަށް އޭނައަށް ނުބަލަން މަސައްކަތް ކުރަންޖެހުނެވެ.

ހުރިހާ ހުވަފެނެއް ޙަޤީޤަތަކަށް ނުވާނެއެވެ. ހިތުލާ ހުރިހައި ކަންކަން ކާމިޔާބެއް ވެސް ނުވާނެއެވެ. އުމުރާ އެކުގައި ކަފުންކުރަން ޖެހޭ އުންމީދުތައް ވެސް ހުންނާނެއެވެ. ނުޒްހާއަކީ ކަފުން ނުކުރެވުނު އުންމީދެވެ. ކިޔާ ފޫހި ނުވި ލަވައެވެ. ބަލާ ފޫހި ނުވި މަންޒަރެވެ. އަޖައިބަކަށް އަހަރެން އެދިއެދި ހުރީމެވެ. އެ އުނގުގައި ބޯއަޅައިލައިގެން އޮވެ ބުނަން ބޭނުންވީ އެންމެ ދެ ޖުމުލައެވެ.

"ތި ނަން ހިތަކުން ނުފުހެވުނު،" ވަރަށް ނިކަމެތިކަމާ އެކުގައި އަހަރެން ބުނެލަން ބޭނުމެވެ. "އަދިވެސް ވަރަށް ލޯބިވޭ!"

ހޭލާ ހުރެ އެ ފަދައިން އެ ވާހަކަ ބުނާނެ ދަނޑިވަޅެއް ނުޒްހާ ނުދޭނެއެވެ. ބުނާކަށް އަހަންނަކަށް ނުވެސް ކެރޭނެއެވެ. ހުވަފެނުގައި އެ މަޤްޞަދު ހާސިލުކުރަން ނިންމީމެވެ. ކިތަންމެ ފަހަރަކު ހުވަފެނުން ނުޒްހާ ފެނެއެވެ. ޙަޤީޤަތެއްހެން ހީވާލެއް ބޮޑުކަމުން ބުނާކަށް ނުކެރެއެވެ. އެންމެ ފަހަރަކު ވެސް އެއީ ހުވަފެނެއްކަން އެނގޭނެ ނަމައެވެ. ހިތުގައިވާ ނުތަނަވަސްކަން ފިލުވައިލެވުނީހެވެ. ދުވަސްތައް ފާއިތުވަމުންދިޔައީ ކެތްތެރިކަން ކުޑަ ގޮތެއްގައެވެ. އެފްބީ އާއި ވައިބާ ފަދަ ވަސީލަތްތައް ހުރިއިރު ވެސް، އަހަރެންނާއި ނުޒުހާގެ ދުރުމިން ކުޑައެއް ނުވިއެވެ.

އަހަރެންގެ ހުރިހާ ސިއްރެއް އަހަރެންގެ އަނބިމީހާއަށް އެނގޭނެއެވެ. ނުޒްހާގެ ވާހަކަ ފިޔަވައެވެ. އެ ކަން އެނގޭނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށެވެ. ހިންދާމަށެވެ. އެއްދުވަހަކު، ވަރަށް އާދަޔާ ޚިލާފު "މަންތަރެއް" ހިފައިގެން އޭނަ އައެވެ.

"ބޭނުންތަ ނުޒްހާގެ ހުވަފެނުގެ ތެރެއަށް ވަންނަން؟" ހިންދާމް ސުވާލުކުރިއެވެ. "އޭނަގެ ނިންޖާ ކުޅެލާ، ކަލޭގެ ހިތުގަ އޮތް ސިއްރު ބުނެލާ، ސަމާސާކޮށްލާހަދަން ބޭނުންތަ؟"

"ކުރެވޭނެތަ؟" ހައިރާންވެފައި އަހަރެން އެހީމެވެ.

"ކަލެއަށް އެނގޭނީ ޕާޓީ ބަދަލުކޮށްފަ، ޕޯޑިޔަމްތަކަށް އަރާ މޮޅު ބުނަން." ހިންދާމް ހެމުންހެމުން ބުންޏެވެ.

އަހަންނަށް "ލުސިޑް ޑްރީމް" ތަޢާރުފުކޮށްދިނީ ހިންދާމެވެ. އެ ކަން ކުރަން ރަނގަޅަށް ދަސްކުރުމުން، ހުވަފެނާއި ޙަޤީޤަތް ވަކިކުރަން ދަސްވެއެވެ. ހުވަފެން ތިމާއަށް ކޮންޓުރޯލު ކުރެވެއެވެ. ތިމާ ބޭނުންވާ ކޮންމެ ކަމެއް ހުވަފެނުގައި ކުރެވެއެވެ. ހުވަފެނުން ހަޤީޤަތަށް އަދި ހަޤީޤަތުން ހުވަފެނަށް ދިއުމުގެ ކުޅަދާނަކަން ލިބެއެވެ. އެ ކަން ދަސްވަނީ ގިނަ ދުވަސްތަކެއް ވާންދެން ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ފަށައިގަތުމަށްޓަކައި، ހޭލެވޭއިރަށް އަހަންނަށް ފެނުނު ހުވަފެން ނޯޓުކޮށްލަން ޖެހެއެވެ. ހުވަފެން ހަނދާންބަހައްޓަންޖެހެއެވެ. ހުވަފެނެއްކަން ސާބިތުވަނީ ދެތިން ޝަރުތެއް ފުރިހަމަވީމައެވެ. ހިންދާމް އެ ކަންކަން ވެސް ކިޔައިދިނެވެ.

"ހުވަފެނުގަ ކަލޭ ޖެހޭނެ ލިޔެފަ ހުންނަ އަކުރުތަކެއް ކިޔަން. ނޫނީ ގަޑިއެއްގެ ކަށްޓަށް، ތަކުރާރުކޮށް ބަލަންޖެހޭނެ،" އަހަރެންގެ އެދުރުބެ އަހަންނަށް ކިޔައިދިނެވެ. "ހުވަފެނުގަ ފެންނަ އަކުރުތައް ފުސްވާނެ ނޫނީ ހަމައެއްނުޖެހޭނެ. ގަޑިއަށް ބަލާ ކޮންމެ ފަހަރަކު ގަޑިން ފެންނަ ވަގުތު ތަފާތުވާނެ. އެއްފަހަރު ދޭއް ޖެހިއްޔާ ދެން ބަލައިލާއިރު އަށެއް ވެސް ޖަހައިފާނެ. ނޭފަތުގަ ހިފޭއްޓިއަސް ނޭވާ ލެވިދާނެ. އެންމެ މުހިންމީ އަތްތިލައަށާ ފައިތިލައަށް ބެލުން. އިނގިލިތައް ވަރަށް އައިބުވާނެ ނޫނީ މަދުވާނެ. ފަހަރެއްގަ ގިނަ ވެސް ވެދާނެ."

ހިންދާމް އެ ހުރިހާ ކަމެއް އަހަންނަށް ކިޔައިދިނީ އޭނަ ތަޖުރިބާ ކޮށްފައެވެ. ސަތޭކަ ޕަސަންޓު ކާމިޔާބެވެ. އެހެންކަމުން، އަހަރެން ވެސް އެ ކަން ދަސްކުރުމުގެ މަސައްކަތް ފެށީމެވެ. ކުޑައިރުގެ ހުވަފެނުގައި ކުލަޖެއްސުމަށްޓަކައި އަހަރެން ހުރީ ފަސްއެނބުރި ނުބަލާ ގޮތަށް ނިންމައިގެންނެވެ. ކިތަންމެ ބުރަ މަސައްކަތެއް ކުރަންޖެހުނަސް ވެހެވެ. މަސްދުވަސް ތެރޭގައި ކާމިޔާބުގެ ކޮޅުމަތި ފެންނަން ފެށިއެވެ. ދިމާވީ އެންމެ މައްސަލައެކެވެ. ހުވަފެނުގައި އެއީ ހުވަފެނެއްކަން އެނގޭއިރަށް އުފަލުން އަހަންނަށް ތެޅިފޮޅިގަނެވެނީއެވެ. އެ ހިސާބުން ހޭލެވެއެވެ. އަހަރެން ޖެހެނީ ހުވަފެނެއްކަން އެނގިހުރެ ނުހޭލާ އޮންނާށެވެ. އެ ކަން ކޮންޓުރޯލުކުރަން ވަރަށް ގިނަ ދުވަސް ނެގިއެވެ. އެހެންނަމަވެސް، އެ ކަން ވެސް ކާމިޔާބު ކުރީމެވެ.

އަހަރެން ބޭނުންވީ ހުވަފެނަކުން ހިތަށް ހަމަޖެހުން ހޯދާށެވެ. އެއީ ކުށެއްކަމަކަށް އަހަރެން ނުދެކެމެވެ. މޮޔަކަމެއް ކަމަކަށް ވެސް ނުދެކެމެވެ. އެ ކަން މޮޔަކަމުގައިވާ ނަމަ، ފައިމަގުގައި ފަރުބަދައެއްގެ ކޮޅަށް އެރުމަކީ މޮޔަކަމެކެވެ. ފަތައިފައި ކަނޑެއް ހުރަސްކުރުމާއި، ސައުވީސް ގަޑިއިރު ވަންދެން ދުވުމަކީ ވެސް މޮޔަކަމެކެވެ. އެކި މީހުން ކުރާހިތް ވާނީ އެކި ކަންތަކެވެ. ހުވަފެނުގެ ކޮންޓުރޯލު އަހަރެންގެ އަތްމައްޗަށް އައިސް، މަޤްޞަދު ހާސިލު ކުރަން ތައްޔާރުވީމެވެ.

ހުވަފެން ފެށުނީ އަހަރެން އެނދުގައި އޮއްވައެވެ. ކައިރީގައި އޮތް ފޮތް ނަގައިފައި ބަލައިލީމެވެ. ފެނުނުލެއް ފުހެވެ. ގަޑިއަށް ބަލައިލީމެވެ. ދެ ފަހަރު ފެނުނީ ދެ ވަގުތެއް ހިނގައިފައިވަނިކޮށެވެ. ގަޑީގެ ބައެއް އަކުރުތައް މަދެވެ. އަތުގެ ބައެއް އިނގިލި މަދެވެ. ހުވަފެނެއްކަން އެނގުނަސް އަހަރެން ތެޅިފޮޅިއެއް ނުގަންނަމެވެ. ހަށިގަނޑު ކޮންޓުރޯލު ކުރަން އަހަންނަށް ދަސްވެއްޖެއެވެ. ހިތަށްއެރިއެވެ. ދުނިޔެ ހިތަކަށް ލިބުނީއެވެ. ކުރާނެކަމެއް ކުރަންވީއެވެ. ލަދެއް، ކުށެއް ނުވަތަ ފާފައެއް ވެސް ނެތެވެ. އެކަމަކު، ހިތަށް ލިބޭ ހިތްހަމަޖެހުމަކަށް ބަދަލެއް ނާންނާނެއެވެ.

މަގުމައްޗަށް ނުކުތްތަނާ އީސަ ފެނުނެވެ. އެއީ، އަހަރެން އެންމެ ފޫހިވާ ޕާޓީގެ ރައީސްއެވެ. އަޅައިގެންފައި ވެއްޓުނަސް އަހަރުމެންގެ އެކަކަށް އަނެކަކު ނުފެންނާނެއެވެ. އެކަމަކު، އަހަރެން ފެންނައިރަށް އޭނަ އިސްވެ އައިސް ސަލާންކުރިއެވެ. ރުޅިއައުމުގެ ބަދަލުގައި އަހަންނަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އަހަންނެއް ނުހިނގަމެވެ. ނުޒްހާގެ ގެއަށް އަހަރެން ދިޔައީ އުދުހިފައެވެ. އުޑުމަތި އޮތީ ފެހިކުލައިގައެވެ. މާލޭގައި އާދަޔާ ޚިލާފަށް ގަސް ގިނައެވެ. އަހަރެން ތިރިކުރީ ނުޒްހާގެ ގެއަށެވެ. ގޯތިތެރޭގައި ހުރި ޖޯއްޔެއްގައި ނުޒްހާ އިނެވެ. އެ ގެ ފެނުނީ ކުރިން އެ ގެ އޮންނަ ގޮތަށެވެ. ނުޒްހާ ވެސް ފެނުނީ ތަންކޮޅެއް ޒުވާންކޮށެވެ. އެ ގޭގައި އެހެން ބަޔަކު އުޅޭހެން ވެސް، ބައެއް ފަހަރު ހީވެއެވެ. ދިޔަގޮތަށް ގޮސް ނުޒުހާގެ އަތުގައި ހިފީމެވެ.

"ނުޒްހާދެކެ ހާދަހާ ލޯބިވެއޭ،" ލަދުކަނޑައިލައިފައި އަހަރެން ބުނީމެވެ. "ކިހާ ދުވަހެއް މި ވާހަކަ ބުނަން އުޅޭތާ!"

ޖަވާބުދިނުމުގެ ބަދަލުގައި ނުޒްހާ ގާވެފައި ހުރީއެވެ. ޔަގީނުން ވެސް އޭނަ އުފަލެއް ނުވިއެވެ. އޭނައަށް ލިބުނީ ހައިރާންކަމެކެވެ. ހިތަށްއެރިއެވެ. ގަބޫލު ނުކުރެވުނީކަމަށް ވެދާނެއެވެ. ނުޒްހާ ގެނެސް އަހަރެންގެ މޭގައި ޖައްސައިލީމެވެ. ތެޅިގެންފައި ނުޒްހާ ދުރަށް ޖެހިލިއެވެ. އެއީ އަހަރެން އުންމީދުކުރި ގޮތެއް ނޫނެވެ. އަހަރެންގެ އަތް ފޮޅުވައިލަން ނުޒްހާ މަސައްކަތް ކުރިއެވެ. އަވަހަށް ދޫކޮށްލީމެވެ. އަހަރެންދެކެ ނުޒްހާ ލޯބިނުވަނީ ހެއްޔެވެ؟ އަހަންނަށް ކުރެވުނީ ކުށްހީއެއް ހެއްޔެވެ؟ ނުކުންނަން ހިނގައިގަތީމެވެ. ކުއްލިއަކަށް ހުއްޓެވުނެވެ. ހިތް ބުނި ކަހަލައެވެ. ހުވަފެނެއްގައި ނުޒްހާގެ ރުހުން މުހިންމު ހެއްޔެވެ؟ އެންމެ ބޭނުންވި ގޮތަކީ ނުޒްހާގެ ރުހުމުގައި އެ ލޯބި ކާމިޔާބު ކުރުމެވެ. އެހެން ނުވިއްޔާ އެހެން ގޮތަކުން ވިޔަސްވެހެވެ. އަހަރެން އުދުހިގެންފައި އައިސް ނުޒްހާގެ ކުރިމައްޗަށް ޖެހިގަތީމެވެ. އުސް ތަނަކުން ފުންމާލި ސިންގާއެއް ފަދައިންނެވެ. ނުޒްހާގެ އަތުގައި ހިފީމެވެ. އަހަރެން އުންމީދުކުރި އެއްވެސް ކުލައެއް އެ ކަރުދާހުގައި ނުޖެއްސޭނެކަން އެނގުމުން ކަރުދާސްގަނޑު ނޮޅައިލަން ބޭނުންވިއެވެ.

"ބުނޭ މަދެކެ ލޯބިވެއޭ!" އަހަރެން އަމުރުކުރީމެވެ. "ބުނޭ!"

ނުނިމޭ