ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ޓީޗަރަކު، ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ވަނީ އުމުރުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. 

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި 30 ދުވަހު ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ވަނީ އަމުރުކޮށްފަ އެވެ. 

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ދަރިވަރުންނަށް އެ ޓީޗަރު ޖިންސީގޯނާ ކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. މި ފަހަރު ހައްޔަރުކުރީ ބޮޑު މައްސަލައެއްގައި ކަމަށް އޭނާ ބުންޏެވެ.