ގްރީޒްމަންގެ 100 ވަނަ ލަނޑުން އެތުލެޓިކޯ މޮޅުވެއްޖެ
ގްރީޒްމަންގެ 100 ވަނަ ލަނޑުން އެތުލެޓިކޯ މޮޅުވެއްޖެ

މެޑްރިޑް (އޭޕްރިލް 23) - އެންޓޮއިން ގްރީޒްމަން ސްޕެނިޝް ލީގުގައި ޖެހި 100 ވަނަ ލަނޑުން 1-0 އިން ރަށުން ބޭރުގައި އެސްޕަންޔޯލް އަތުން އެތުލެޓިކޯ މެޑްރިޑް މުހިއްމު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު އެތުލެޓިކޯ ލީގުގެ ތިން ވަނައިގައި އޮތީ 33 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށް 33 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ.

ކުރިން ރެއާލް ސޮސިއެޑާޑް އަށް ކުޅުނު ގްރީޒްމަން އަކީ ސްޕެނިޝް ލީގުގައި 100 ލަނޑު ހަމަކުރި ފްރާންސަށް ނިސްބަތްވާ ދެ ވަނަ ކުޅުންތެރިއާ އެވެ. އެންމެ ފުރަތަމަ 100 ލަނޑު ކާމިޔާބުކުރީ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ އެވެ.

ބެންޒެމާ 100 ލަނޑު ހަމަކުރީ 202 މެޗުންނެވެ. ގްރީޒްމަން އެ ރެކޯޑާ ހަމަކުރީ 247 މެޗުންނެވެ.

ގްރީޒްމަން ސްޕެނިޝް ލީގުގައި ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. ގްރީޒްމަން ޖެހި 100 ލަނޑުގެ ތެރެއިން 69 ލަނޑު ޖަހާފައިވަނީ އޭނާގެ ރަސްމީ ފައި ކަމަށްވާ ވާތު ފައިންނެވެ. ކަނާތު ފައިން 11 ލަނޑު ޖެހިއިރު، އަނެއް 20 ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ.

އެތުލެޓިކޯ އަށް 2014 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ގްރީޒްމަން ވަނީ ސޮސިއެޑާޑަށް ކުޅުނު 141 މެޗުން 40 ލަނޑު ޖަހައިފަ އެވެ. އޭނާގެ ވިދުން ގަދަވީ އެތުލެޓިކޯ އަށް ބަދަލުވި ފަހުންނެވެ. އޭނާ ވަނީ އެތުލެޓިކޯ އަށް ކުޅުނު 106 މެޗުން 60 ލަނޑު ޖަހައިފަ އެވެ.

މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގްރީޒްމަން އަށް އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ފާރަަލަމުންނެވެ. އެހެން ނަމަވެސް އެތުލެޓިކޯގެ ކޯޗުކަމުގައި ޑިއޭގޯ ސިމިއޯނީ ހުއްޓައި ކްލަބް ބަދަލުނުކުރާނެ ކަމަށް ގްރީޒްމަން ވަނީ ބުނެފަ އެވެ.