23 އެޕްރީލް 2017 - 10:24

ޕިއޮންޔޮން (އެޕްރީލް 23) - އެމެރިކާއާ އެކު ކުރަން ޖެހުނު ކޮންމެ ހަނގުރާމައަކުން ނޯތު ކޮރެއާ ނުކުންނާނީ ކާމިޔާބީއާ އެކު ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާ އިން އިންޒާރުދީފި އެވެ.
"އެމެރިކާގެ ފަރާތުން ކުރިމަތިކުރާ ނިއުކްލިއާ ބިރުތަކާ ގުޅިގެން ހަނގުރާމައަކަށް ދާން ޖެހިއްޖެ ނަމަ ފަސް ޖެހުމެއް ނެތި ނޯތު ކޮރެއާ އިން ނިއުކްލިއާ ހަމަލާ ދޭނެ. އަދި އެ ހަނގުރާމައިން ކާމިޔާބު ލިބޭނީ ނޯތު ކޮރެއާ އަށް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮރެއަން ޕީޕަލްސް އާމީ ނުވަތަ ސިފައިންގެ ލަޝްކަރު އުފެއްދިތާ 85 އަހަރު ފުރުން ނޯތު ކޮރެއާ އިން އަންގާރަ ދުވަހު ފާހަގަ ކުރާނެ އެވެ. ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ނޯތު ކޮރެއާ އިން މީގެ ކުރިން ވަނީ ނިއުކްލިއާ މިސައިލް ޓެސްޓްތައް ކޮށްފަ އެވެ.
ނޯތު ކޮރެއާގެ ރަސްމީ ނޫހެއް ކަމަށްވާ ރޮޑޯން ސިންމުން އިން އިއްޔެ ބުނީ ގެއްލުމެއް ދޭން އުޅެފި ނަމަ ނޯތު ކޮރެއާ އިން ވަރުގަދަ ހަމަލާއެއް ދޭން ފަސް ނުޖެހޭނެ ކަމަށެވެ.
"އެމެރިކާ ވަނީ މޮޔަވެފައި. އެމެރިކާގެ އެއްވެސް ހަރަކާތަކުން ނޯތު ކޮރެއާ އަށް ބިރެއް ނުދެއްކޭނެ،" ނޫހުން ބުނެފައިވެ އެވެ.
ނޯތު ކޮރެއާ އިން ފުލުފުލުގައި އިންޒާރުތައް ދެމުންދާ އިރު އެމެރިކާ އިން ވަނީ ކަނޑުގެ ސިފައިންގެ ލަޝްކަރެއް ކުރިއަށް އޮތް ދުވަސްތަކުގައި ކޮރެއާ ސަރަހައްދަށް ދާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެމެރިކާގެ ސުޕަކެރިއާ ކާލް ވިންސަން ޖަޕާން ކަނޑަށް ކުރިއަށް އޮތް ދުވަސްތަކުގައި ދާނެ ކަމަށް ނައިބް ރައީސް މައިކް ޕެންސް ވަނީ ވިދާޅުވެފަ އެވެ. ކޮރެއާ ޕެނިންސުލާ އަށް މިސްރާބު ޖެހުމަށް ފަހު ކާލް ވިންސަން ސްޓްރައިކް ގްރޫޕް މިދިޔަ ހަފުތާގައި ވަނީ އޮސްޓްރޭލިއާއާ ދިމާލަށް ދަތުރު ފަށައިފަ އެވެ.