ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓުން ރާއްޖޭގައި ތަރައްގީ ކުރާ ރިސޯޓުތަކުން ރެޒިޑެންޝަލް މޮޑެލްއަށް ޕްރޮޕަޓީ ގަނެވޭގޮތް ހަދައިފި އެވެ.
ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މޯލްޑިވްސް އަކީ އޭޝިއާ، ޔޫރަޕް އަދި އެމެރިކާގައި ލަކްޒަރީ ހޯޓަލްތަކާއި ރިސޯޓްތައް ހިމެނޭ އޯރްކާ ހޯލްޑިންގްސްގެ ފައުންޑަ އަދި ސީއީއޯ، ލައިތު ފެރޯންގެ ކުންފުންޏެވެ. ރިއަލް އެސްޓޭޓް އެ ކުންފުނިން މަައިގަނޑުގޮތެއްގައި ވިއްކަނީ އެންމެ ލަގްޒަރީ ފެންވަރުގެ ޕްރޮޕަޓީތަކެވެ.
މި ޕްރޮޖެކްޓްގެ ތެރެއިން ނަމޯސް ރިސޯޓް މޯލްޑިވްސް އާއި ފިއުޝަން ރިސޯޓް މޯލްޑިވްސް ތަރައްގީ ކުރާނެ އެވެ. އަދި ރަށް ގިލި އާއި ދޮން މާގާ އިން ވެސް ޕްރޮޕަޓީތައް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. ރަށް ގިލީގައި ދެ މިލިއަން ޑޮލަރަށް ދޭ ދެ ކޮޓަރީގެ ވޯޓާ ރެޒިޑެންޓްތައް ވެސް ހިމެނޭނެ އެވެ. މީގެ އިތުރުން ދޮން މާގާ ގައި ދިގު މުއްދަތަށް ދޫކުރާ 56 އަލްޓްރާ ލަގްޒަރީ ވިލާ ތަރައްގީ ކުރާނެ އެވެ.
މި ޕްރޮޖެކްޓްގެ ބްރޯކްރޭޖް އޮޕަރޭޝަންތައް ބަލަހައްޓާނީ ސޭލްސްގެ މެނޭޖިން ޑިރެކްޓަ މާކޯ ބޮނީނީއެވެ. އޭނާގެ ކުންފުންޏަކީ ޔޫރަޕް، މެދުއިރުމަތި، އޭޝިއާ، އެފްރިކާ، އެމެރިކާ އަދި ރާއްޖޭގައި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތައް ވިއްކުމުގެ ތަޖުރިބާ ހުރި ކުންފުންޏެވެ.
އެކުންފުނިން ބުނީ ރާއްޖޭގައި ދިގު މުއްދަތަކަށް ތިބުމަށާއި ރިސޯޓު މާހައުލެއްގައި އަމިއްލަ ވިލާއެއް ގަންނަން ބެނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މާކޯ ވިދާޅުވީ، މިދިޔަ އަހަރުތަކުގައި ރާއްޖެއަކީ ހަމައެކަނި ޓޫރިސްޓުން ޒިޔާރަތްކުރާ މަންޒިލެއް ނަމަވެސް، މިހާރު އެކަން ބަދަލުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ކްލައަންޓުންގެ ތެރޭގައި އަހަރަކު އެތައް ފަހަރަކު އައިސް، އެކޮމޮޑޭޝަނަށް އެތައް ލައްކަ ޑޮަރެއް ހަރަދުކުރާ ފަރާތްތައް ވެސް އެބަ ހުރި. އެފަދަ ފަރާތްތަކަށް ވިލާއެއް ގަނެގެން އަމިއްލައަށް ބޭނުންކުރެވޭނެ އަދި ފައިދާ ހޯދުމަށްޓަކައި ޕްރޮފެޝަނަލީ މެނޭޖްކުރެވޭ ރެންޓަލް ޕްރޮގްރާމެއްގައި ބެހެއްޓޭނެ. އެހެންވެ ވިލާއެއް އަމިއްލަކޮށްގެން ފައިދާ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.