23 އެޕްރީލް 2017 - 09:40

އަންނަ ބުދަ ދުވަހު ޗައިނާގައި ފަށާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެ އުއްމީދު ބެޑްމިންޓަން ކުޅުންތެރިއާ މައިސާ ފަތުހުﷲ އަށް ލިބިއްޖެ އެވެ.
މި މަހު 30 ގެ ނިޔަލަށް ޗައިނާގެ ވުހާންގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ޒަޔާން ޒަކީ އަށް ވެސް ލިބުނެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބު ޒަޔާނަށް މި މުބާރާތުގައި ނުކުޅެވޭނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ވަނީ ބުނެފަ އެވެ.
އޭޝިއާގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ލެވެލްގެ މުބާރާތެކެވެ.
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން އަންނަނީ ފަހަކަށް އައިސް ބައިނަލްއަގްވާމީ ފެންވަރުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝާއި ނޭޕާލްގައި އޮތް މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބީޑަބްލިއުއެފް ރޭންކިންގައި ދިވެހި ކުޅުންތެރިންނަށް ބޮޑު ކުރިއެރުމެއް ލިބުނެވެ.
މިދިޔަ އަހަރުގެ ބެޑްމިންޓަން ގައުމީ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދި މައިސާ އަކީ އެ ބައިގެ އެންމެ ޒުވާން ޗެމްޕިއަނެވެ. އެންމެ ފަހުން އޮތް ބަންގްލަދޭޝް މުބާރާތުގެ އަންހެން ސިންގަލްސް ބައިން މައިސާ ކުއާޓާ ފައިނަލުން ޖާގަހޯދިއިރު މިއީ ބީޑަބްލިއުއެފް މުބާރާތެއްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އަންހެން ކުޅުންތެރިޔަކު ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.
ބީއޭއެމުން އަންނަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ގެންނަން މިިދިޔަ އަހަރު މަސައްކަތް ފަށައިފަ އެވެ. އެގޮތުން ފެންވަރު ރަނގަޅު ކޯޗެއްގެ ބެލުމުގެ ދަށުން ކުޅުންތެރިން ތަމްރީންކޮށް ލިބޭ ފުރުސަތުތަކުގައި ބޭރުގެ މުބާރާތްތަކަށް ކުޅުންތެރިން ފޮނުވުމަށް އިސްކަންދޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ މީގެ ކުރިން ބުނެފަ އެވެ.