ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސިފައިންގެ ކްލަބުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އިއްޔެ ރޭ ކުޅުނު ފޯރިގަދަ މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 26-24 އިން ކާމިޔާބުކޮށް ކުރިހޯދީ ކްލަބް އެޗްޑީސީންނެވެ. ނަމަވެސް ޖެހިގެން އައި ސެޓުތަކުގައި ކުޅުން ރަނގަޅުކޮށް ސިފައިންގެ ކްލަބުން ވަނީ ދެވަނަ ސެޓު 25-16 އިން އަދި ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ސެޓު 26-24 އިން ކާމިޔާބުކޮށްފަ އެވެ. ސިފައިންގެ ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ހަތަރުވަނަ ސެޓު 25-21 އިން ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ފަރުދީ އެވޯޑްތައް ވެސް އެންމެ ގިނައިން ގެންދިޔައީ ސިފައިންގެ ޓީމުގެ ކުޅުންތެރިންނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ހުސައިން ރަޒާން އެވެ. އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާގެ އެވޯޑް ވެސް ގެންދިޔައީ އޭނާ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދީ އެ ކްލަބްގެ ޕާކިސާނުގެ ކުޅުންތެރިޔާ ފަހަދު ރަޒާ އެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ގެންދިޔައީ ވެސް ސިފައިންގެ ކޯޗު ޖުނައިދު އަބްދުﷲ އެވެ.

ގައުމީ ވޮލީ ލީގުގެ ޑްރީމް ޓީމަށް ހޮވުނު ކުޅުންތެރިންާއި ކޯޗު: މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޮދީ ސިފައިންގެ ހުސައިން ރަޒާން --- ފޮޓޯ: ވީއޭއެމް
މުބާރާތުގެ އެންމެ މަގާމުތައް ހޯދި ކުޅުންތެރިން:
- - އެންމެ މޮޅު ކުޅުންތެރިޔާ (މެވް):ހުސައިން ރަޒާން (ދިވެހި ސިފައިންގެ ކްލަބް)
- - އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާ:ހުސައިން ރަޒާން (ދިވެހި ސިފައިންގެ ކްލަބް)
- - އެންމެ މޮޅު އައުޓްސައިޑް އެޓޭކާ:އާދާމް ނަސީމް
- - ދެވަނައަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކާ:އަހްމަދު ނާފިއު (ޕޮލިސް ކްލަބް)
- - އެންމެ މޮޅު މިޑްލް ބްލޮކާ:އިސްމާއީލް ސާޖީދު (ކްލަބް އެޗްޑީސީ)
- - ދެވަނައަށް އެންމެ މޮޅު މިޑްލް ބްލޮކާ:އާދަމް ފައިރޫޒް (ދިވެހި ސިފައިންގެ ކްލަބް)
- - އެންމެ މޮޅު ސެޓަރު:ހުސައިން ޝާހިދު (ދިވެހި ސިފައިންގެ ކްލަބް)
- - އެންމެ މޮޅު ލިބަރޯ:މުހައްމަދު ނައީމް (ޕޮލިސް ކްލަބް)
- - އެންމެ އުއްމީދީ ކުޅުންތެރިޔާ ނުވަތަ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ:އަހްމަދު އިލްހާމް އަލީ (ޕޮލިސް ކްލަބް)
- - އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ:ފަހަދު ރަޒާ / ޕާކިސްތާން (ދިވެހި ސިފައިންގެ ކްލަބް)
- - އެންމެ މޮޅު ކޯޗު:ޖުނައިދު އަބްދުﷲ (ދިވެހި ސިފައިންގެ ކްލަބް)
ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް މާދަމާ ފަށާނެ އެވެ. މުބާރާޓުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ އެޗްޑީސީ އާއި އެމްޓީސީސީ އެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ޕޮލިސް ކްލަބާއި ސިފައިންގެ ކްލަބް ވާދަކުރާނެ އެވެ.