މަޓިޗްގެ މޮޅު ގޯލާ އެކު ޗެލްސީ ފައިނަލަށް
މަޓިޗްގެ މޮޅު ގޯލާ އެކު ޗެލްސީ ފައިނަލަށް

ލަންޑަން (އޭޕްރިލް 23) - ނިމެންޔާ މަޓިޗްގެ މޮޅު ގޯލާ އެކު 4-2 އިން ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީން ހޯދައިފި އެވެ.

މިއީ ޗެލްސީން އެފްއޭ ކަޕް ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރެވެ. ފައިނަލުގައި އެ ޓީމު ނުކުންނާނީ މިރޭ ދެ ވަނަ ސެމީ ފައިނަލުގައި އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ރޭގެ މެޗު ފެށިގެން ފަސް ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އެވެ. ޗެލްސީން ލީޑުނެގުމާ އެކު ޓޮޓެންހަމުން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން ފަށައިފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމަށް އެއްވަރުކޮށްދިނީ ހެރީ ކޭން އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިލިއަން ޗެލްސީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުންނެވެ. ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން އަށް މިނިޓް ތެރޭ ޑެލެ އަލީ ވަނީ ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ޗެލްސީ މޮޅުވީ ފަހު 15 މިނިޓް ތެރޭގައި ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 75 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑެން ހަޒާޑެވެ. އޭގެ ފަސް މިނިޓް ފަހުން މަޓިޗް ވަނީ ޗެލްސީގެ ލީޑު ފުޅާކޮށްދީފަ އެވެ. އޭރިއާ ބޭރުން މަޓިޗް ފޮނުވާލި ބާރު ބޯޅަ ވަނީ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހަށް ފަހު މަޓިޗް ޗެލްސީ އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނީ ކުޅުންތެރިން ކުރި ހިތްވަރަށް ބަލާއިރު ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މެޗުން ބަލިވުމުގެ ޒިންމާ ނަގާ ކަމަށެވެ.

ޓޮޓެންހަމާއި ޗެލްސީ އަކީ މި ފަހަރު ލީގަށް ވެސް ވާދަކުރަމުން އަންނަ ދެ ޓީމެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އިނގިރޭސި ލީގުގައި އޭނާގެ ފުރަތަމަ އަހަރުގައި ދެ މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ކުރިއެރުމެއް ކަމުގައި ދެކޭ ކަމަށެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއް. އިނގިރޭސި ލީގަށް އައިސް ފުރަތަމަ ސީޒަނުގައި ދެ މުބާރާތަށް ވާދަކުރުމަކީ ފަސޭހަކަމެއް ނޫން،" ކޮންޓޭ ބުންޏެވެ.

މިއީ ޓޮޓެންހަމް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޖެހިޖެހިގެން ބަލިވި ހަތް ވަނަ ފަހަރެވެ.