ގައުމުން ބޭރުގައި ބާއްވާ ތަމްރީނަކަށް އިންޑިއާ ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
މާލޭގައި މިއަދު ބަނދަރުކުރީ، އިންޑިއާ ކަނޑުގެ ސިފައިންގެ "ފަސްޓް ޓްރެއިނިން ސްކޮޑްރަން"ގެ އުޅަނދުތައް ކަމަށްވާ އައިއެންއެސްތިރް، އައިއެންއެސް ސުޖާތާ އަދި އައިސީޖީއެސް ސާރަތީ އެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ އެ ތަމްރީން ދަތުރުގެ މަގްސަދަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަލާމަތީ ގުޅުމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުން ކަމަށެވެ.

އިންޑިއާ ކަނޑުގެ ސިފައިންގެ އުޅަނދެއް ގައުމުން ބޭރުގައި ކުރާ ތަމްރީނު ދަތުރެއްގައި މިއަދު މާލެ ބަނދަރުކޮށްފައި-- ފޮޓޯ: އިންޑިއާ ހައިކޮމިޝަން
އެގޮތުން، ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމާއި ގުޅިފައިވާ ތަމްރީނުތައް ހިންގުމުގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ދަތުރުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.
އިންޑިއާ އާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުން މީގެ ކުރިން ވެސް ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު "ދޯސްތީ" ނަމުގައި ވެސް ތަމްރީނުތަކެއް ކުރިއަށް ގެންދެ އެވެ.

އިންޑިއާ ކަނޑުގެ ސިފައިންގެ އުޅަނދެއް ގައުމުން ބޭރުގައި ކުރާ ތަމްރީނު ދަތުރެއްގައި މިއަދު މާލެ ބަނދަރުކޮށްފައި-- ފޮޓޯ: އިންޑިއާ ހައިކޮމިޝަން
ދޯސްތީ އެންމެ ފަހުން ބާއްވާފައި ވަނީ މި އަހަރު ޖެނުއަރީ މަހުގެ ތެރޭގަ އެވެ.