މިހާރުގެ ރެސިޕީ: އާދައިގެ ކޭކު
މިހާރުގެ ރެސިޕީ: އާދައިގެ ކޭކު

1 ޖޯޑު ގޮދަންފުށް (ބޭކިންޕައުޑަރު އެއްކޮށްފައި)

1 ޖޯޑު ހަކުރު

3 މޭޒުމަތީސަމުސާ ބަޓަރު (ފިނި ނުކޮށް)

1 ސައިސަމުސާ ބޭކިންޕައުޑަރު

2 ކުކުޅުބިސް (ފިނި ނުކޮށް)

1 ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ދިޔާ ކިރު (ލެކްނޯ ނުވަތަ ޑަޗްލޭޑީ)

ހަކުރާއި ބަޓަރު އެއްކޮށްގެން، ހަކުރުކޮޅު ވިރެންދެން ގިރުން. ކުކުޅުބިހުގެ ގޮބޮޅި އެޅުން. ފަސް މިނެޓު ގިރުމަށް ފަހު، ކުކުޅުބިހުގެ ލޮދި އެޅުން. އަނެއްކާ ވެސް ފަސް މިނެޓު ގިރުމަށް ފަހު، ބޭކިންޕައުޑަރު އެއްކޮށްފައިވާ ފުށް، މަދުމަދުން (ފަހަރަކު މޭޒުމަތީސަމުސަލެއްގެ މިންވަރު) އަޅަމުން ގިރުން. ދެން ކިރު އެޅުން. އެއްކޮށް އޮމާންވަންދެން ގިރުމަށް ފަހު އެސެންސު އެޅުން. ދެ މިނެޓު ވަންދެން ގިރުމަށް ފަހު، (ބަޓަރުކޮޅެއް ހާކައިލައިފައިވާ) ތަބަކަށް ފުށްގަނޑު އެޅުމަށް ފަހު ފިހަން ލުން. ކަރަންޓު އަވަނެއް ނަމަ 250 ގައި ބަހައްޓައިގެން 30 މިނެޓުން ފިހެވޭނެ. ފިހެވުނުތޯ ބަލަން ބޭނުން ނަމަ، ކޭކުގެ މެދަށް އިލޮށިކޮޅެއް ހަރާލުމަށް ފަހު ނެގުން. ކޭކު ފިހެވިއްޖެ ނަމަ، އިލޮށިކޮޅަކު ކޭކު ހޭކިފައެއް ނުހުންނާނެ.

އައިސްއަލަމާރިން ނަގާ ގޮތަށް ބަޓަރާއި، ކިރާއި، ކުކުޅުބިސް (ފިނިކަން އެއްކޮށް ނުކަނޑުވާ) ބޭނުން ކޮށްފި ނަމަ، މި ކޭކު ރަނގަޅަކަށް ނުހެދޭނެ. މި ކޭކަށް ބަޓަރ ކޭކު ނުވަތަ ޕްލޭން ކޭކު ވެސް ކިޔާ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.