މަނާރަތު
މަނާރަތު

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

ރެއެއްގެ ދަންވަރުގެ ވަގުތެވެ. މަނާރަތު އޮތީ ދެބަދޭތެރޭގައެވެ. ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި އަޑަށް މަނާރަތު ލޯ ހުޅުވައިލިއެވެ. ކޮޓަރި އޮތީ ވަރަށް އަނދިރިކޮށެވެ. ތަނެއް ދޮރެއް ވަތްކެއް ނުވެއެވެ. އެކަމަކު، ދޮރު ހުޅުވައިލުމުން ބޭރުން، ކޮންމެވެސް ވަރަކަށް އަލި ވަނެވެ. ދޮރުމަތީގައި ހުރި، ހިޔަންޏެއް ކަހަލަ މީހާގެ ބައްޓަން ވަރަށް ސާފުކޮށް މަނާރަތަށް ފެނުނެވެ. އެ އިސްކޮޅާއި އެ ހިނގުން މަނާރަތު ދެކިފަރިތައެވެ. އެ މީހާ ވަދެގެން އައީ މަނާރަތުގެ އެނދާ ދިމާއަށެވެ.

"މަނާރަތު!" އެ މީހާ މަޑުމަޑުން ގޮވައިލިއެވެ. "ހިނގާބަލަ ބޭރަށް."

ދަންވަރުގެ ވަގުތުގައި ދައްކަން އޮންނާނީ ކޮން ވާހަކައެއްބާއޭ މަނާރަތު ހިތަށްއެރިއެވެ. އެހެންނަމަވެސް އެ މީހާގެ ފަހަތުން މަނާރަތު ނުކުތެވެ.

"ބައްޕަ މި އުޅެނީ ދަރިފުޅު މީހަކާ ދެވަން،" ބޭރަށް ނުކުމެފައި އާމިރު ބުންޏެވެ. "މާދަމާ ހެނދުނު ބައްޕަ އަނެއްކާ ވެސް ފުރަން އެބަޖެހޭ. އެހެންވެ ހަމަ މި ރޭ މި ވާހަކަ ބުނެލަން ބޭނުންވީ."

މަނާރަތުގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ކުދިކުދިވެފައިވާ ހިތުގެ ކޮންމެ އެތިކޮޅެއް އެތައް ގުނައަކަށް ކުދިކުދިވި ކަހަލައެވެ. ކައިވެންޏަކީ ކޮބައިކަމެއް، ފިރިއެއްގެ ޒިންމާއަކީ ކޮބައިކަމެއް މަނާރަތަކަށް ނޭނގެއެވެ. އެ ހިސާބަކަށް ނުވެސް ވިސްނައެވެ.

"އެކަމަކު އަޅުގަނޑު ބޭނުން ކިޔަވަން،" ކުރެހިފައިވާ އަޑަކުން މަނާރަތު ބުންޏެވެ. "އަޅުގަނޑަށް ތިހެން ނަހައްދަވާ ބައްޕާ!"

"މިހާރު ތިހިރީ ބޮޑުވެފަ. ކިޔެވޭނެ އެއްޗެހި ކިޔަވާ ނިމިފަ،" އޯގާތެރިކަމުގެ ކުޑަ ވެސް މިންވަރެއް އެކުލެވިފައި ނުވާ ރާގެއްގައި އާމިރު ބުންޏެވެ. "ދެން އިތުރަކަށް ނުކިޔެވޭނެ."

ދެކޮޅަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެކަން މަނާރަތަށް އެނގެއެވެ. އެހެންނަމަވެސް، ހަނުހުންނާކަށް ކެތެއް ނުކުރެވުނެވެ. އެހެން މީހެއްގެ މުށުތެރޭގައި ތިމާގެ ފުރާވަރު މޮޑެވިގެންދާން ރުހެވޭނީ ކާކަށް ހެއްޔެވެ؟

"އަޅުގަނޑު ބޭނުން ސްކޫލަށް ދާން،" މަނާރަތު ތަކުރާރުކޮށް ބުންޏެވެ. "އަޅުގަނޑު ސްކޫލަށް ފޮނުވާ ބައްޕާ! އަޅުގަނޑު ބޭނުމެއް ނޫން މީހަކާ އިންނާކަށް."

"ތިކަމެއް ނޭނގެ،" އާމިރު ހުރީ މާ ކުރިން ޖަވާބު ތައްޔާރުކޮށްގެންނެވެ. "ކިޔަވަން ފޮނުވީމަ އެ ތަނުގަ އުޅޭ ފިރިހެނުން މި ފެންނަނީ. ދަސްކުރަން ހުންނަ ފިލާވަޅަށް ވުރެ އޭނަޔާ ދައްކަން ހުންނަ ވާހަކަ މާ ގިނަ. އަނެއްކޮޅުން، އޭނަ ވެސް ކިޔަވަނީ މަނާރަތު ވެސް ކިޔަވަނީ. ސަނަދެއްހާ ހިސާބު ވެސް އޭނަ އަތަކު އޮތީކީ ނޫން. މަސައްކަތެއް ކުރަން ދަންނަނީކީ ނޫން. ނެތެއްނު އެ ކަމެއް ވާކަށް. އެހެންވީމަ ދެން މީހަކު މި ހޯދީ. ވަރަށް ރަނގަޅު މީހެއް އެއީ. އިނީމަ އޭނަ ހުރިހާ ކަމެއް ބަލަހައްޓާނެ. މަނާރަތު ބަސްއަހައިގެން އިނީމަ ނިމުނީ. އަހަރުމެން ރަށުތެރެއަށް ބަދުނާމެއް ނުވާނެ، މި އަނގަ ވެސް ތަޅާކަށް ނުޖެހޭނެ."

ކުޑަމިނުން މަނާރަތު ދެވަން އުޅޭ ފިރިހެނަކީ ކާކުކަމެއް ވެސް އާމިރު ނުބުނެއެވެ. ބުނުން އެއީ މުހިންމުކަމެއް ކަމަކަށް ވެސް އާމިރު ނުދެކެއެވެ. ދަރިން ކައިވެނިކުރާ މީހުން ހޯދުމަކީ މައިންބަފައިންގެ ކަމެކެވެ. އާމިރު ދެކޭ ގޮތަކީ އެއީއެވެ. އެ ކަމުގައި ބަސް ބުނުމުގެ އެއްވެސް އިޚުތިޔާރެއް ދަރީންނަކަށް ނޯންނާނެއެވެ. ދައްކާ މީހަކާ ރުހި ގަބޫލުވީމައި ނިމުނީއެވެ.

"ނޫން ބައްޕާ!" މަނާރަތު އާދޭސްކުރިއެވެ. "އަޅުގަނޑު ބޭނުމެއް ނޫން މީހަކާ އިންނާކަށް."

"ބައްޕަ އެއްފަހަރު ވެސް ދަރިފުޅު ގާތުގަ އެހިންތަ އިންނަން ބޭނުންހޭ؟" އާމިރު ވަރަށް ހަރުކަށި ރާގެއްގައި އެހިއެވެ. "ހަމަ އެކަނި މި އަންގާލީ މީހަކާ ދެވާށޭ މި އުޅެނީ. ކިޔަވާހިތަކުން ނޫން ތި އުޅެނީ. މަގޭ އަނގަ ގޮއްވަން ތި އުޅެނީ."

"އަޅުގަނޑު އިންނަންޖެހެނީ ކާކާތޯ؟" މަނާރަތު އެ ސުވާލުކުރީ، ފަހަރެއްގައި ނަމަވެސް ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

އިތުރު ވާހަކަތަކެއް ދައްކަން ވަގުތު ބޭކާރު ކުރުމުގެ އެއްވެސް ފިކުރެއް އާމިރުގެ ނެތެވެ. ދައްކަން ބޭނުންވި ވާހަކަ ދެއްކުމަށް ފަހު ދިޔައީއެވެ. ހަމަހިމޭން ދަންވަރުގެ ވަގުތުގައި، އެކަނިމާއެކަނި ގިސްލަން އެތައް އިރަކު މަނާރަތު ހުއްޓެވެ. ދުށް ރީތި ހުވަފެންތައް ބިލާހަކަށްވެ، އުންމީދު ވިސްހިވިހާލިވެގެން ދާތަން މަނާރަތަށް ފެންނަ ކަހަލައެވެ. ޝަކުވާ ގިނަކަމުން ވިންދު ޖަހާނެ ޖާގަ ވެސް ހިތަކު ނެތެވެ. އަޑުއަހާނެ މީހަކު ހުރި ނަމައޭ ހިތަށްއެރިއެވެ. އެންމެ ފަހުން ލޮލުން ކަރުނަ ހުސްވީއެވެ. ރުއިމުގެ ބޭނުން ކެނޑުނީއެވެ. ބައްޕަ ގަނެގެން ގެންނަ ވިޔަފާރި މުދަލާއި މަނާރަތާއި ދެމެދު މާ ބޮޑު ތަފާތެއް ނެތެވެ. އަމިއްލަ އިހުސާސެއް އުފެދުމުގެ ޙައްޤު ނެތީމައެވެ. ނުވަތަ މަނާރަތަކީ، އޮޅުކުރަން ގެނައި ދޫންޏެވެ. ހިތަށްއެރީމާ ކޮށްޓަށް ލާންވީއެވެ. ފިޔަ ކޮށައިލަންވީއެވެ. ގަންނަން މީހަކު އަތުވެއްޖެ ނަމަ ވިއްކާލީމަ ނިމުނީއެވެ.

ކައިވެނީގެ ރަސްމިއްޔާތު ފެށެނީ ކޮންއިރަކުކަމެއް މަނާރަތަކަށް ނޭނގެއެވެ. އެ "މަޅި" ކަރަށް މެހޭނީ ފުރަގަހުންކަމެއް ނުވަތަ މަތިންކަމެއް ވެސް ނޭނގެއެވެ. ފަތިހު ފެނުން ތޮޅިލި އިރާއެކު، ނުރަސްމީ ހަރަކާތްތައް ފެށުނެވެ. ފުރަތަމަ މަނާރަތާ ބައްދަލުކުރީ ޖައުފަރެވެ. އިސްކޮޅުން ދިގު، ހިމަތޮޅި މީހެކެވެ. މިސްކިތުން ފައިބައިގެން އާމިރު ގެއަށް އަންނައިރު، ވަރަށް ގިނައިން ޖައުފަރު އާދެއެވެ. ބައްޕައާއި ޖައުފަރު ގިނައިން ދައްކާ އަޑު މަނާރަތަށް އިވެނީ ދީނީ ވާހަކައެވެ. ދަރީންގެ އަޚްލާޤުގެ ވާހަކައެވެ.

"ބައްޕަ ވާހަކައެއް ދެއްކިތަ؟" ޖައުފަރު ސުވާލުކުރިއެވެ.

މަނާރަތު ބޯޖަހައިލުމާއެކު ޖައުފަރުގެ މަސައްކަތް ފެށިއެވެ. ނަސޭހަތްދޭން ފެށިއެވެ. މައިންބަފައިންގެ ބަސް ނޭހުމުން ދެން ވާނެގޮތާއި، ލިބޭނެ އަޒާބުގެ ވާހަކައެވެ. އަންހެނުންގެ މަޤާމާއި، ޒަވާޖީހަޔާތް ފަށަންޖެހޭ ގޮތާއި، ފިރިން ހޯދައިދިނުމަކީ ކޮން ބައެއްގެ ޒިންމާއެއްކަން ވެސް ކިޔައިދިނެވެ. ދެ ގަޑިއެއްހާއިރު ކޮށްފައި ޖައުފަރުގެ ބައި ނިންމިއެވެ. މެންދުރުފަހުން އައީ ހާދީއެވެ. ހަމަ އާމިރުގެ އެކުވެރިއެކެވެ. އޭނަ ކިޔައިދިނީ ފިރިއަކަށް އަދާކޮށްދޭންޖެހޭ ވާޖިބުތަކާއި، ކިޔަމަންތެރިވާންޖެހޭ ވަރާއި، އަނބިމީހާއަށް ލިބިދޭ އިޚުތިޔާރުތަކެވެ. ތިންވަނަ މީހާ އައީ ރޭގަނޑުއެވެ. އޭނަ ކިޔައިދިނީ ދަރިން ތަރުބިއްޔަތު ކުރާނެ ގޮތެވެ. އިތުރު މައުޟޫޢަކަށް ނުދެވިގެން އުޅެނިކޮށް މަނާރަތު އާފުރެން ފެށިއެވެ. އެ މީހުން ދެއްކި ގިނަ ވާހަކަތައް މަނާރަތަކަށް ނުވިސްނެއެވެ. ބޮލަކަށް ނުވަދެއެވެ. ނިދަން އޮށޯތްއިރު ނިދި ފިލައިފިއެވެ. ރޮއިއޮއި ކަރުނައެއް ނައެވެ.

ކައިވެނި ކުރެވެންދެން މަނާރަތު އުޅުނީ އަމިއްލަ ގޭގައި ބީރައްޓެއްސަކަށް ވެގެންނެވެ. އެކަކު ވެސް މަނާރަތާ ވާހަކަދެއްކުން މަނައެވެ. އިސްވެ މަނާރަތު ވާހަކަދައްކަން އުޅެފިއްޔާ އެ މީހަކު ބަލަނީ އެ ތާކުން ދެވޭތޯއެވެ. މަނާރަތު ބާކީވި ވަރަކީ، ހަތަރުދަމު ނުކައި އޮތަސް ހޭ ވެސް އަހާލާނެ މީހަކު ނެތުމެވެ. ކުރިން މަނާރަތު ނިދަން އޮންނަ އެނދުގެ ވަށައިގެން ހުންނަނީ މަދިރިގެ ޖަހައިފައެވެ. ބޮޑު ސަނދުވާއެއް މަތީގައި އޮވެއެވެ. ކޮޓަރީގައި ލައިފައިހުރީ މަނާރަތު ބޭނުންވި ކުލައެވެ. ދަމައިފައި ހުރީ މަނާރަތު ބޭނުންވި ކަހަލަ ދޮރުފޮއްޗެވެ. އަންނައުނު އަޅަން ހައިވަކަރު ބޮޑު އަލަމާރިއެއް ހުއްޓެވެ. އޭގެ ބަދަލުގައި ފަހުން ދިނީ ކަރުދާހު ފޮށިގަނޑެކެވެ. ނިދަންޖެހުނީ މަޅުއެޅި އެނދެއްގައެވެ. ގޮދަޑީގެ ބަދަލުގައި އޮތީ ކުނައެކެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ކުރާނެކަމެއް ނެތިގެން އެކަނިމާއެކަނި ކޮޓަރީގައި އިންދާ އާމިރު ގޮވައިލިއެވެ. މަނާރަތު ނުކުތްއިރު ބައްޕަ އިނީ އުނދޯލީގައެވެ. ގާތުގައި ފައުޒީ އިނެވެ.

"ދަރިފުޅު އެހީމެއްނު ކާކާހޭ އިންނަނީ؟" އާމިރު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "މީ އެ މީހަކީ."

ބުނާނެ އެއްޗެއް މަނާރަތަކަށް ނޭނގުނެވެ. ފައުޒީއަކީ، މަނާރަތާ އަޅާބަލާއިރު އުމުރުގެ ގޮތުން ސަތާރަ އަހަރު ދޮށި މީހެކެވެ. ލާ އަންނައުނާއި، ވިސްނުމާއި، މިޒާޖުގެ ގޮތުން ބެލިޔަސް މަނާރަތާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. މަނާރަތު ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ކިޔައިދިނީ ލޮލުން އޮހޮރެން ފެށި ކަރުނައެވެ. ރައްޓެއްސެއްގެ ގޮތުގައި ވެސް ބަލައިގަންނަން ބޭނުން ނުވި މީހާއަށް ފިރިއެއްގެ ހައިސިއްޔަތު ދޭނެ ގޮތެއް މަނާރަތަކަށް ނޭނގެއެވެ. އެންމެ ލޯބިވާންޖެހޭ މީހާއަށް ދޭނެ ލޯތްބެއް މަނާރަތުގެ ހިތަކު ނެތެވެ. އިޙުތިރާމު ދޭނެ ގޮތެއް، ހަތަރުކަޅި ހަމަކޮށް ހިނިތުންވާން ހަދާނެ ގޮތެއް ވެސް ނޭނގެއެވެ. އިންސާނުންގެ ހިތުގައި އެންމެ ފުރަތަމަ އުފެދެނީ ޝައުޤުވެރިކަމެވެ. ގަޔާވެވެނީ އެ އަށް ފަހުގައެވެ. މަނާރަތުގެ ކަރުނަ ހިކިފައިވާ ލޮލަށް އަނެއްކާ ވެސް ކަރުނަ ޖަމާވާން ފެށިއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ފައުޒީއާ ދިމާއަށް ބަލައިލިލި ވަގުތު، މުޅި ދުނިޔެ ވެސް މަނާރަތަށް ފުސްވެފައިވާ ކަހަލައެވެ. ފައުޒީގެ ލޮލުން މަނާރަތަށް ފެނުނީ އުފާވެރިކަމެވެ. ދާދި ގާތުގައި ހަމްދާ ވެސް ހުއްޓެވެ. އެ މޫނުން އުފާވެރިކަމެއް މަނާރަތަކަށް ނުފެނުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މަނާރަތަށް ފެނުނީ މަންމަ އިސްޖަހައިލި ތަނެވެ.

"ފައުޒީއަކީ މަނާރަތު ގެންގުޅެވޭ ފެންވަރުގެ މީހެއް." އާމިރުގެ އަޑުގައި ވަނީ ޔަގީންކަމެވެ.

ބައްޕަޔާ ދެކޮޅަށް އަޑު އުފުލިޔަސް ކުރާނެ ފައިދާއެއް ނެތްކަން މަނާރަތަށް އެނގެއެވެ. ޝަކުވާ ހިފައިގެން މަންމަ ގާތަށް ދިޔުމަކީ ބޭކާރު ކަމެކެވެ. އެ ދެކަމުން ކުރެ އެއްވެސް ކަމެއް ނުކޮށް، ރޯލަރޯލާ މަނާރަތު ހުއްޓެވެ. ހިތަށްއެރިއެވެ. ބައްޕަ އެހާ ބޮޑަށް ފައުޒީއަށް އިތުބާރުކުރަނީ ކީއްވެގެން ހެއްޔެވެ؟ ކަންތައްވާނެ ގޮތް އެނގެނީ ކިހިނެއް ހެއްޔެވެ؟

ވިދިގެން އައި ރޭތަކުގައި އޮތީ މަނާރަތަށް ވިސްނައިދިނުމެވެ. އޮޅުންފިލުވައިދިނުމެވެ. ބައްޕަގެ އެކުވެރިން ތިބީ އަތުކުރި އޮޅައިލައިގެންނެވެ. އިސްކޫލުގެ ހުރިހާ އިސްލާމް ފިލާވަޅެއް އެއްފަހަރާ ނަގައިދިން ކަހަލައެވެ. މައިންބަފައިންގެ ބަސް ގަބޫލުކުރުމާއި، ފިރިމީހާއަށް ކިޔަމަންތެރިވުމުން ލިބޭ ދަރުމައިގެ ވާހަކައެވެ. ފިރިމީހާގެ ހައިސިއްޔަތާއި އޭނަގެ ދަރަޖައެވެ. މަނާރަތުގެ ހިތަށް ބިރުވެރިކަން ވަންނަ ވަރަށް އެ ވާހަކަތައް ތަކުރާރުކުރިއެވެ. ބޭނުންވާ ވަރަށް އެ ކަން ކުރެވުމުން، ފައުޒީއާއި މަނާރަތުގެ ކައިވެނި ކުރުވިއެވެ. ހަމަ އެ ރޭ ފުރި ބައްތެލިން މަނާރަތު ގޮވައިގެން ފައުޒީގެ ރަށަށް ފުރިއެވެ. އެ މަންޒަރު ދުވަހަކު ވެސް މަނާރަތުގެ ހިތަކުން ނުފިލާނެއެވެ. މަޑުމަޑުން ދުރުވަމުން ގޮސް މާލޭގެ މަލަ އޮބި ވަގުތެވެ. އުންމީދުގެ ހުޅުކޮޅު، ފަހު ފަހަރަށް ވިހުރިލައިފައި ނިވުނު ގޮތެވެ. އުޅެބޮޑުވި ރަށާއި، އެކުވެރިންނާއި، ކުޅެމަޖާކުރި މަގުތަކާއި ގޯޅިތައް ލޯމަތިން ގެއްލުނު ގޮތެވެ.

ނުނިމޭ