އެޕަލް މިހާރު ވިސްނަނީ ޖައްވަށް ދާން
އެޕަލް މިހާރު ވިސްނަނީ ޖައްވަށް ދާން

ޖައްވަށް ސެޓެލައިޓެއް ފޮނުވުމަކީ އެޕަލް އިން ވަރަށް ކުރާ ހިތުން އުޅޭ ކަމެކެވެ. އެ މަސައްކަތްތަކުގައި ބައިވެރިވުމަށް އެ ކުންފުނިން ވަނީ ބޮއިން އަށް ވެސް ދައުވަތު ދީފަ އެވެ. ދައުވަތު ގަބޫލުކޮށް، މަސައްކަތްތަކަށް ޚަރަދުކުރުމަކީ ވެސް ބޮއިން އިން ކޮށްފާނެ ކަމެކެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު އެޕަލް އިން 1000 ސެޓެލައިޓް ޖައްވަށް ފޮނުވާނެ އެވެ.

އެހާ ގިނަ ސެޓެލައިޓް ފޮނުވުމުގައި ދެ ބޭނުންމެއް އޮތް ކަމަށް ބުނެވެ އެވެ. އައިފޯނު ބޭނުންކުރާ މީހުންނަށް ރަނގަޅު ޚިދުމަތެއް ދިނުމަކީ ވެސް ނިޔަތުގައި އޮތް ކަމެއް ކަމަށް ބުނެވެ އެވެ. އަމިއްލަ ސެޓެލައިޓްތައް ބޭނުންކޮށްގެން "އެޕަލް މެޕްސް" ތަރައްގީކޮށް ވާދަވެރި މާކެޓުގައި ހިފަހައްޓާލުމަކީ އެޕަލް އެދޭ ކަމެކެވެ.

އިންޓަނެޓް ނުލިބޭ މީހުންނަށް އިންޓަނެޓް ދިނުމަކީ ވެސް ކޮށްފާނެ ކަމެއް ކަމަށް ބުނެވެ އެވެ. އެޕަލް އަށް ފައިދާއެއް ނެތް ގޮތުގައި، އަކުރެއްގައި ފިއްޔެއް ޖެހުމަކީ ވެސް އެޕަލް އިން ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން ބަޔަކަށް އެއްޗެއް ދޭ ވާހަކަ އިވުމުން އުނދަގޫވަނީ އެވެ.

ޖައްވަށް ސެޓެލައިޓް ފޮނުވައިގެން ބަޔަކަށް އިންޓަނެޓް ފޯރުކޮށްދިނުމުގައި، އެޕަލުން ބައިވެރިވާނެ ކަމަށް ދެން ބެލެވެން އޮތީ ޝަރަފަށްޓަކަ އެވެ. މާނަ ތަންކޮޅެއް ތިލަކޮށްލާނަމެވެ.

ސެޓެލައިޓް އަދި "އެއާ ބެލޫން" ފަދަ ވަސީލަތްތައް މެދުވެރިކޮށް، ފަގީރު އާބާދީތަކަށް އިންޓަނެޓް ދިނުމަކީ ގޫގުލުން މިހާރު ވެސް ކުރާ މަސައްކަތެކެވެ. ފޭސްބުކް އަދި ސްޕޭސްއެކްސް ވެސް އެ މަސައްކަތްތަކުގައި ބައިވެރި ވެ އެވެ. އެކަމަކު ކޮންމެ ބައެއް ވަކިވަކިންނެވެ.

އެޕަލް އަކީ ވެސް ސިނާއަތުގައި ބާރުގަދަ ތަނބެކެވެ. ވާދަވެރިންނަށް ދޫނުކުރުމަށްޓަކައި ވެސް ސެޓެލައިޓް ވިޔަފާރި ތެރެ އަށް ވަނުމަކީ އެޕަލުން ކޮށްފާނެ ކަމެކެވެ. އެކަމަކު ކުންފުންޏަށް އޮތީ ކިހާވަރެއްތޯ އެޕަލުން އޮންނާނީ މާކުރިން ބަލައި، ގޮތެއް ނިންމާފަ އެވެ.