ވޯޓު އެއްވަރުވުމުން ގުރުއަތުލައިގެން ރައީސަކު ހޮވައިފި
ވޯޓު އެއްވަރުވުމުން ގުރުއަތުލައިގެން ރައީސަކު ހޮވައިފި

އެމެރިކާގެ އިލިނޮއިސްގައި އޮންނަ ވަރަށް ކުޑަ އަވަށެއްގައި، ވެރިޔަކު ހޮވަން ބޭއްވި އިންތިހާބު އެއްވަރުގެ ފައިސާފޮއްޗެއް ބޭނުންކޮށްގެން ގުއަތުލައިގެން ވެރިޔަކު އިންތިޚާބުކޮށްފި އެވެ.

ވޯޓު އެއްވަރުވުމުން ގުރުއަތުލައިގެން ރައީސަކު ހޮވައިފި
ވޯޓު އެއްވަރުވުމުން ގުރުއަތުލައިގެން ރައީސަކު ހޮވައިފި

ވިލިއަމްސަން ކައުންޓީގެ ކްލާކް އަމަންޑާ ބާންސް ވިދާޅުވީ އަވަށުގެ ވެރިޔަކު ގުރުއަތުލައިގެން ބުރާސްފަތި ދުވަހު ކަނޑައެޅީ އަވަށު ބޯޑުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ދެ ބޭފުޅަކަށް އެއްވަރަށް ވޯޓު ލިބިވަޑައިގަތުމުން އެ ބޭފުޅުން އެގޮތަށް އެއްބަސްވެ ވަޑައިގަތުމުން ކަމަށެވެ. މިއީ ވޯޓު އެއްވަރު ވެއްޖެ ނަމަ ގޮތެއް ނިންމުމަށް އެތަނުގެ ގާނޫނުން ވެސް ކަނޑައަޅާ ގޮތެވެ.

ބްރިއަން ރިއެކީނާ އާއި ޓެމީ އޯޑެނިއަލް-ހޮވެލްގެ ވޯޓު އެއްވަރުވުމުން ނެގި ގުރުއަތުގައި އޯޑެނިއަލް-ހޮވެލް ނެންގެވީ ފައިސާފޮތީގެ މޫނުމައްޗަށެވެ. ފައިސާފޮތި އެއްލުމުން ބިންމައްޗަށް ވެއްޓުނު އިރު މައްޗަށް އޮތީ އޭގެ މޫނުމައްޗެވެ. އެއާ އެކު، އެންމެ 250 މީހުންގެ މި އަވަށުގެ ވެރިކަން އޯޑެނިއަލް-ހަވެލް އަށް ލިބިވަޑައިގަތެވެ.

މި މަހުގެ 4 ގައި ބޭއްވި އިންތިޚާބުގައި ވޯޓު އެއްވަރުވީ ކޮންމެ ބޭފުޅަކަށް ވެސް 11 ވޯޓުންނެވެ.

އޯޑެނިއަލް-ހަވެލް ވަނީ ގުރުއަތުން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި ރިއެކީނާއަށް އަވަށު ބޯޑުން ފުރުސަތު ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށް، ގުރުއަތުގެ ކުރިން ވައުދުވެ ވަޑައިގެންފަ އެވެ.

"އެ ވައުދަށް ކަމޭ ހިތާނަން. ކުރިއެރުން ހޯދަން ބޭނުން ނަމަ ޒުވާނުންގެ އަޑު އަހަންޖެހޭނެ،" 2009 ވަނަ އަހަރުން ފެށިގެން އަވަށުގެ ކްލާކްގެ ގޮތުގައި ހުންނެވި އޯޑެނިއަލް-ހަވެލް ވިދާޅުވި އެވެ.

ބާންސް ވިދާޅުވި ގޮތުގައި ގުރުއަތުލުމަށް ބޭނުންކުރީ ވިދުން ގަދަ ރީތި ފައިސާފޮއްޗެކެވެ.

"އެއީ އަޅުގަނޑަށް އޮފީހުން ފެނުނު އެންމެ ވިދުން ގަދަ ފައިސާފޮތި،" ބާންސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެންޑިޑޭޓުންނަށް ފައިސާފޮތި ދެއްކުމަށް ފަހު، މައްޗަށް އެއްލުމުން ދިމާވި ގޮތަށް އިންތިޚާބުގެ ކަންކަން ނިމިގެން ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ. -- އޭޕީ