މިހާރުގެ ރެސިޕީ: މުރަނގަތޮޅި ރިހަ
މިހާރުގެ ރެސިޕީ: މުރަނގަތޮޅި ރިހަ

300 ގުރާމު މުރަނގަތޮޅި (މަށައިފައި، ތިން އިންޗިއަށް ބުރިކޮށްފައި)

2 މޭޒުމަތީސަމުސާ ހަނާކުރި ހުނި ހަވާދު (ހިމުންކޮށް ފުނޑައިފައި)

1 ފިޔާ (އާދައިގެ، ތުނިކޮށް ކޮށައިފައި)

1 ސައިސަމުސާ ލޮނުމެދު (ގާނައިފައި)

½ ސައިސަމުސާ އިނގުރު (ގާނައިފައި)

⅓ ސައިސަމުސާ އަސޭމިރުސް (މުގުރި)

½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރި)

½ ސައިސަމުސާ ދިރި (މުގުރި)

1 ދަޅު ތެޔޮމަސް ނުވަތަ ފެންމަސް

1 ޖޯޑު ކާށިކިރު

1 ޓޮމާޓޯ (ކުޑަ، ކޮށާފައި)

4 ތިކި ފިޝް ސޯސް (ބޭނުން ނަމަ)

ހިކަނދިފަތް، ރާނބާފަތް، ތެޔޮ، ލޮނު، ފެން، ގިތެޔޮމިރުސް (ބޭނުން ނަމަ)

ކުޑަ ތެޔޮފޮދެއްގައި ފިޔާކޮޅު މީރުކޮށްފައި، ފިޔާކޮޅު މޯޅި ވީމައި، ލޮނުމެދާއި އިނގުރު އަޅައިފައި، އެއް މިނެޓު ފަހުން ދެބައިކުޅަ އެއްބައި ނަގައިފައި ކިރުޖޯޑު ތެރެއަށް އަޅާލުން. އެ ޖޯޑުގެ ތެރެއަށް ދިރި، ފޮނިތޮށިކާފޫރުތޮޅި، އަސޭމިރުސް، ޓޮމާޓޯ އަޅާފައި މަތިޖަހައިފައި ބެހެއްޓުން. ތެލީގައި ބާކީ ހުރި ފިޔާކޮޅުގެ ތެރެއަށް ހަވާދުކޮޅު (އެއް ޖޯޑު ފެނުގައި ގިރައިފައި) އަޅައިލުން. ބޮކިޖަހައި ކެކެންދެން ހަވާދުކޮޅު ކައްކައިލުމަށް ފަހު، އޭގެ ތެރެއަށް މުރަނގަތޮޅި އަޅައިފައި، އިތުރު ތިން ޖޯޑު ފެން އަޅައިފައި، ލޮނު ލައިގެން ކެއްކުން. ތޮޅިކޮޅި މަޑުވުމުން މަސް އެޅުން. އިތުރު އެއް ޖޯޑު ފެން އަޅައިފައި، ކެކިގަތީމައި (ކުރިން ތައްޔާރު ކޮށްފައި ބެހެއްޓި) ކިރުޖޯޑު އަޅައިލުން. ބޮޑަށް ކުޅި ކުރަން ބޭނުން ނަމަ، ގިތެޔޮމިރުސް އެޅުން. މަސްރަހަ ގަދަ ކުރަން ބޭނުން ނަމަ، ހަތަރު ތިކި ފިޝް ސޯސް އެޅުން. ލޮނު ހެޔޮވަރު ކޮށްފައި، ރަނގަޅަށް ބޮކިޖަހައި ކެކެން ފެށުމުން ހިކަނދިފަތާއި ރާނބާފަތް އެޅުން.

ހަނާކުރި ހުނި ހަވާދަށް އައްޑޫ ހަވާދު ނުވަތަ ތެޔޮ ހަވާދު ނުވަތަ ހުނި ހަވާދު ވެސް ކިޔާ. ރޮށި ނުވަތަ ބަތާ އެއްކޮށް ވެސް މި ރިހަ ވަރަށް މީރުވާނެ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.