ހދ. ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އާންމުވެފައިވާ ވީޑިއޯއެއްގައިވާ ގޮތުން އެކްސިޑެންޓު ހިނގަނީ ކުޅުދުއްފުށީގެ ބޮޑު މަގުން ގޯޅިއަކަށް އަޅަން އުޅުނު ސައިކަލެއްގައި ބޮޑުމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ. ގޯޅި އަޅަން އުޅުނު ސައިކަލުގައި އަންހެނަކު އިންއިރު ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި ދެ ފިރިހެނުން ތިއްބާ ފެނެ އެވެ.
ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓާ އެކު އެންމެން ތާރު އަޅާފައި އޮތް އެ މަގަށް ވެއްޓޭ މަންޒަރު ފެންނެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަސްޓަމާ ސާވިސް އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރު މުހައްމަދު ހުސެއިން "މިހާރު" އަށް ވިދާޅުވީ މެންދުރުފަހު 2:15 ހާއިރު އެކްސިޑެންޓެއްގައި އަނިޔާވެގެން ތިން މީހަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެއީ 20 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 32 އަހަރުގެ އަންހެނެކެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާގައި 17 އަހަރުގެ ކުއްޖާގެ ގައިގެ ތަންތަން މަށައިގެންދިޔުން ފިޔަވައި މާބޮޑު އަނިޔާއެއް ލިބިފައިނުވާތީ އޭނާއަށް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
އެކަމަކު އެހާދިސާގައި ދެން ތިބި ދެ މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެެވެ. އެ އެކްސިޑެންޓުގައި 20 އަހަރުގެ ފިރިހެން މީހާގެ މޫނު މައްޗަށް އަނިޔާވެ ސީޓީ ސްކޭން ހަދާފައިވާ ކަމަށާއި އެކަމަކު އިތުރު ފަރުވާއަށް މާލެއަށް ފޮނުވުމާ މެދު އަދި ޑޮކްޓަރުން ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާއަށް ވެސް ދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުން ކަމަށެވެ.
އެހެންނަމަވެސް ބޮޑެތި އަނިޔާތައް ލިބުނު ވެންޓިލޭޓަރުގައި ފަރުވާދޭހާ އެމީހުންގެ ހާލު ގޯސް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.