އަފްޣާން ސިފައިންނަށް ތާލިބާނުން ދިން ހަމަލާގައި 140 މަރު
އަފްޣާން ސިފައިންނަށް ތާލިބާނުން ދިން ހަމަލާގައި 140 މަރު

ކާބުލް (އެޕްރީލް 22) - އަފްޣާނިސްތާނުގެ ސިފައިންގެ މަރުކަޒަކަށް ތާލިބާނުން ދިން ހަމަލާގައި 100 ސިފައިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އުތުރުގެ ބޯލްކް ޕްރޮވިންސްގެ މަޒާރޭ ޝަރީފް ސިޓީގެ އަސްކަރީ މަރުކަޒަކަށް ދޭން ފެށި ހަމަލާތައް އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ އެވެ. އެ ހަމަލާގައި މިހާތަނަށް ވަނީ 160 މީހުން ޒަޚަމްވެފަ އެވެ. ސިފައިން ބުނީ ތާލިބާނުން ހަމަލާ ދޭން ފެށީ އަސްކަރީ މަރުކަޒުގައި ހުންނަ މިސްކިތުން އިއްޔެ ހުކުރުން ފައިބައިގެން ދިޔަ މީހުންނާއި ކެންޓީނުގައި ތިބި މީހުންނަށް ކަމަށެވެ. ތާލިބާނުން ބުނެފައި ވަނީ ހަމަލާ ދިނީ ޖާނުންފިދާވާ މީހުން ބޭނުންކޮށްގެން ކަމަށެވެ.

ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި ތާލިބާނުންގެ 10 ހަނގުރާމަވެރިން މަރާލާ އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަފްޣާން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ސިފައިންގެ ޔުނިފޯމް އަޅައިގެން ތިބި ތާލިބާނުންގެ ހަނގުރާމަވެރިން ހަމަލާ ދޭން ފެށުމުގެ ކުރިން އެ މީހުން ވަނީ ޗެކްޕޮއިންޓްތައް ހުރަސްކޮށް އެތެރެއަށް ވަދެފައި ކަމަށެވެ.

މަޒާރޭ ޝަރީފަކީ އަފްޣާނިސްތާން ސިފައިންގެ 209 ވަނަ ލަޝްކަރު ތިބޭ ސިޓީ އެވެ. އެއީ އަފްޣާނިސްތާނުގެ އުތުރުގައި ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންނެވެ. ޖަރުމަނާއި އެހެން ބައެއް ގައުމުތަކުގެ ސިފައިން ވެސް އެ ސިޓީގައި ތިބެ އެވެ.

ކާބުލްގެ ހޮސްޕިޓަލަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިދިޔަ މަހު ދިން ހަމަލާއެއްގައި ވަނީ 50 މީހުން މަރުވެފަ އެވެ.