22 އެޕްރީލް 2017 - 15:27

ޓީމެއް ހަމަޔަކަށް އެޅުވުމަކީ އެންމެ ރެޔަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކު ކްލަބް ވެލެންސިއާ މިހާރު އޮތް ގޮތުގައި ކުރިއަށްދާ ނަމަ ރަނގަޅު ހިސާބަކަށް ވާސިލްވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، އެއް މެޗުން އެއްވަރުވެ އެއް ޕޮއިންޓާ އެކު އޮތީ ހަތް ވަނައިގަ އެވެ. މާދަމާރޭ އެ ޓީމު ނުކުންނާނީ ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
ފެސްކޯ ބުނީ އަދި މިއީ ސީޒަނުގެ ވަރަށް ކުރީކޮޅު ކަމަށާއި އަދި އޯވާނައިޓަކުން ހައްލުކުރެވޭނީ މަދު ކަމެއް ކަމަށެވެ. އޭނާ ބުނީ ޓީމުގައި ހުރި ކަންކަން ރަނގަޅުވުމުން ޓީމެއްގެ ގޮތްގަނޑު ފެންނާނެ ކަމަށެވެ. އަދި ޓީމެއް ރަނގަޅުވުމުގައި ވަރަށް ގިނަ ކަންކަމަށް ބަރޯސާވާ ކަމަށް އޭނާ ބުންޏެވެ.
"އެއް ކަމަކީ ރަނގަޅު ތައްޔާރީތަކެއް ވުން. އަނެއް ކަމަކީ އެ ކުޅުންތެރިންތައް ހިތްހަމަޖެހޭ ޖަހަލަ ކަންތައްތަކެއް ނުވަތަ ގޮތްތަކެއް ދިމާވުން ނުވަތަ އެކަންކަން ހަމަޖެހުން. މިފަދަ ބައިވަރު ކަންތައްތަކާ އެކު ޓީމުގެ މޯޓިވޭޝަން ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ. މިހުރިހާ ކަމަކީ ހަގީގަތަކުގައި އޯވާނައިޓަކުން ރަނގަޅުކުރެވޭނެ ކަންކަމެއް ނޫން. މިކަމަށް ނަގާނެ ޓައިމް ނަގާނެ. ވެލެންސިއާ މިދާ ގޮތަށް ދަންޏާ އުއްމީދުކުރަނީ ރަނގަޅު ހިސާބަކަށް ވާސިލްވެވޭނެ ކަމަށް،" ފެސްކޯ ބުންޏެވެ.
އޭނާ ބުނީ މިދިޔަ ހަފުތާއެއްހާ ދުވަހު ވެލެންސިއާގެ ޕްރެކްޓިސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ދިމާވެދާނެ މައްސަލަތަކެއް ހުއްޓަސް ޖުމްލަކޮށް ބަލާއިރު ތައްތާރީތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ވަރަށް ބޮޑަށް އުއްމީދުކުރަން ރަނގަޅު ރިޒަލްޓަކަށް،" ފެސްކޯ ބުންޏެވެ. "އިދިކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓަރީ އަކީ ވެސް ރަނގަޅު ޓީމެއް ޕޮޒިޓިވް ކަންތައްތަކެއް އެބަހުރި. އެކަންކަމަށް ރެސްޕެކްޓްކޮށްގެން ވެލެންސިއާ ނުކުންނާނީ. އެއްވެސް ގޮތަކަށް ވިސްނައިގެން ނުވާނެ ވަކި ފެންވަރުތަކެއް ޓީމުތަކެއް ކުޅޭ ލީގެއް ކަމަށް. ހުރިހާ ޓީމެއް ވަރަށް ވާދަވެރި. އެހެންވީމާ ވަކި ޔުނައިޓެޑް ވިކްޓަރީ ވީމާ ވެލެންސިއާ ފަސޭހަނުކުރާނެ."
ފެސްކޯ ބުނީ ވާދަވެރި ލީގަކަށް ވާތީ ކޮންމެ މެޗަކީ ވެސް ނަތީޖާ މުހިއްމު މެޗެއް ކަމަށެވެ. އެގޮތަށް ބަލާއިރު ނަތީޖާ ނުނުކުންނަންޏާ ކުޅުންތެރިންނާއި މެނޭޖްމަންޓް ޕްރެޝަރަށް ދާނެ ކަމަށައި އެކަން ޖެހޭނީ ހޭންޑްލްކުރަން ކަމަށެވެ.
"އެ ޕްރެޝަރު ހެންޑްލްކުރަން ދަސް ކުރަން ޖެހޭނީ. އެއީ ވަރަށް މުހިއްމު ކަމެއް،" ފެސްކޯ ބުންޏެވެ.