އުވާލަން ނިންމާފައިވާ ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ
ބޯޑުން އިބްރާހީމް ނަޒީމް ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން
ބޯޑު (ޕީސީބީ) އިން ބުނީ ނަޒީމުގެ ބަދަލުގައި އާރުޑީސީ ހިންގުން ޑީސީޕީ (ރިޓަޔާޑް)
އަހުމަދު ސައުދީއާ ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށެވެ. ސައުދީ އަކީ މިވަގުތު
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރެވެ.
އެމްޓީސީސީ އަކީ އާރުޑީސީ އުވާލުމަށް ފަހު އެ
ތަނުގެ މަސައްކަތް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކުންފުންޏެވެ. ރާއްޖޭގެ
ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްްދި އާރުޑީސީ
އުވާލައި، މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ
މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް ވިދާޅުވީ އެގޮތަށް ނިންމެވީ އެއް
މަސައްކަތެއް ކުރާ އިތުރު އެހެން ކުންފުނިތައް ހުރުމުން ދައުލަތުގެ ހަރަދުތައް
އިތުރުވަމުންދާތީ ކަމަށެވެ.
އާރުޑީސީ އަށް ނަޒީމް އައްޔަންކުރީ މިދިޔަ އަހަރުގެ
ޖުލައި މަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ
ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އޭގެ
ކުރިން ސްޕޯޓްސް މިނިސްޓްރީގައި ވެސް މަސައްކަތްކުރެއްވި އެވެ.