22 އެޕްރީލް 2017 - 15:16

މޮސްކޯ (އެޕްރީލް 22) - ރާއްޖޭން ފުރަން ގޮސް ހުއްޓާ އެމެރިކާގެ އެޖެންޓުން "ގެންދިޔަ" ހެކަރެއް ކަމަށް ބުނާ ރަޝިއާގެ ރޯމަން ސެލެޒްނޯވްގެ މައްޗަށް ކުށް ސާބިތުވެފައިވާތީ އޭނާގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ސެލެޒްނޯވްގެ ބައްޕަ އަދި ރަޝިޔާގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ވަލެރީ ސެލެޒްނޯވް ރުޅިގަދަވެ ފާޑު ވިދާޅުވެއްޖެ އެވެ.

ސެލެޒްނޯވް، 32، ކުށްވެރިވާ ކަމަށް އެމެރިކާގެ ކޯޓަކުން ކަނޑައެޅީ މިދިޔަ އޮގަސްޓް މަހު އެވެ. އެމެރިކާގެ ރެސްޓޯރެންޓްތަކުން ވަގަށް ނަގާފައިވާ 1.7 މިލިއަން ކްރެޑިޓް ކާޑުގެ މައުލޫމާތު އޭނާގެ ކޮމްޕިއުޓަރުން ފެނުނު ކަމަށް ވޮޝިންޓަންގެ ސިއޭޓްލްގެ ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުން ބުނެފައިވެ އެވެ. އޮކްޓޫބަރު 2009 އިން ފެބްރުއަރީ 2011އާ ދެމެދު އެމެރިކާގެ އެކި ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކެއް ހެކުކޮށް، މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ސެލެޒްނޯވް ވަގަށް ނަގައި، އެ މައުލޫމާތު އޭނާ އެކި ފަރާތްތަކަށް ވިއްކުމުގެ ސަބަބުން ގާތްގަނޑަކަށް 170 މިލިއަން ޑޮލަރު (132 މިލިއަން ޕައުންޑު)ގެ ގެއްލުން އެމެރިކާގެ 500 އަށް ވުރެ ގިނަ ވިޔަފާރި އާއި ތަފާތު 3،700 ބޭންކަށް ލިބުނު ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެ އެވެ.
ސެލެޒްނޯވްގެ ބައްޕަ ވަލެރީ ވިދާޅުވީ އޭނާގެ ދަރިފުޅުގެ މައްޗަށް ހުކުމްކުރީ "މީހުން ކާ ބައެއް" ކަމަށާއި ދަރިފުޅު ވަނީ ވަގަށް ނަގާފައި ކަމަށެވެ. ސެލެޒްނޯވް ރާއްޖޭގައި ހުއްޓާ އެމެރިކާގެ އެޖެންޓުން ވަގަށް ނަގާފައިވާ ކަމަށް ބުނެ އެ ހުކުމް އިސްތިއުނާފު ކުރަން ދިފާއީ ވަކީލުން ވެެސް ކުރިން ވަނީ ނިންމައިފަ އެވެ.
ވަލެރީ އަކީ ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭ ނުވަތަ ދޫމާގައި ލިބަރެލް ޑިމޮކްރެޓިކް ޕާޓީ ތަމްސީލްކުރާ މެންބަރެކެވެ. އަދި އެއީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އެކުވެރިއެއް ކަމަށް ވެސް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.
"އަހަރެންގެ ދަރިފުޅަށް ވަނީ އަނިޔާދީފައި. ވަގަށް ނެގުމަށް ފަހު ބޭރު ގައުމެއްގެ ޖަލުގައި ބެހެއްޓުމަކީ އޭގެ ޒާތުގައި ވެސް ދެވޭ އަނިޔާއެއް. އަހަރެންގެ ދަރިފުޅަކީ އެއްވެސް ކުށެއް ނެތް މީހެއް،" ރިއާ ނޮވޮސްޓީ ނިއުސް އެޖެންސީ އަށް ވަލެރީ ވިދާޅުވި އެވެ.
ވަލެރީ ވިދާޅުވީ އޭނާގެ ދަރިފުޅަށް އިއްވި 27 އަހަރުގެ ޖަލު ހުކުމަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި އޭނާގެ ދަރިފުޅު ޖަލުގައި 27 އަހަރު ސަލާމަތް ނުވާނެ ކަމަށެވެ.
ލޯބިވެރިޔާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާ ސެލެޒްނޯވް ހައްޔަރު ކުރީ ޖުލައި 2014 ގަ އެވެ. އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައިސް ހިންގި އޮޕަރޭޝަނެއްގައި ސެލެޒްނޯވް ހައްޔަރުކޮށް، އޭނާ ގެންދިޔައީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ރަށެއް ކަމަށްވާ ގުއާމަށެވެ.
ސެލެޒްނޯވް އެމެރިކާ އަށް ބަދަލުކޮށް، ކުރިއަށް ގެންދިޔަ ޝަރީއަތުގައި ކޯޓުން ވަނީ އޭނާގެ މައްޗަށް އުފުލި 40 ދައުވާގެ ތެރެއިން 38 ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.
ސެލެޒްނޯވްގެ މައްޗަށް ބޭންކު ފްރޯޑުގެ ފަސް ދައުވާ، ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކަށް ގެއްލުން ދިނުމުގެ އަށް ދައުވާ، ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކުން މައުލޫމާތު ނެގުމުގެ އަށް ދައުވާ، 15 ނުވަތަ އެ އަށް ވުރެ ވެސް ގިނަ އެކްސެސް ޑިވައިސް ގެންގުޅުމުގެ ދައުވާ، މަނާކޮށްފައިވާ އެކްސެސް ޑިވައިސް ވިއްކުމުގެ ދެ ދައުވާ އަދި އައިޑެންޓިޓީ ތެފްޓުގެ ފަސް ދައުވާ މާޗު 2011 ގައި ކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު އިތުރު މައްސަލަތަކެއް ހިމަނައި ޖުމްލަ 40 ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ.