ގްރީންލެންޑުން
ތެލާއި، ގޭހާއި، މައުދަން ހޯދުމުގެ ބޮޑު މަސައްކަތެއް ވަރަށް އަވަހަށް ފައްޓަވާނެ
ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ބާރުގެ
ބޭނުންކޮށްގެން ގްރީންލެންޑު ހިފާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެމެރިކާއިން
ވަނީ ގްރީންލެންޑާއި ޑެންމާކާއެކު ރައްކާތެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ
އެވެ. ގްރީންލެންޑަކީ ޑެންމާކުގެ ރަސްކަމުގެ ދަށުގައިވާ ސަރަހައްދެކެވެ.
ރަޝިއާ
އާއި އެމެރިކާއާ ދެމެދު މިސައިލްތައް ދަތުރުކުރެވޭނެ އެންމެ ކުރު މަގު ލިބެން އޮތީ
ގްރީންލެންޑުގެ ތެރެއިންނެވެ. މިކަމުގެ ސަބަބުން ޓްރަމްޕް ރާއްވަވާފައިވާ ގޯލްޑަން
ޑޯމްގެ މިސައިލް ދިފާއީ ނިޒާމަށް މި ރަށް ވެގެންދަނީ ވަރަށް މުހިންމު ސަރަހައްދަކަށެވެ.
މީގެ އިތުރުން
މިހާތަނަށް މައިންކުރެވިފައިނުވާ ނާދިރު މައުދަންތަކެއް ގްރީންލެންޑުގައި
އެބަހުއްޓެވެ. މިއީ ޒަމާނީ އެކި ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ މައުންދަތެކެވެ.
އަނެއްކޮޅުން ނޯތު ޕޯލްގެ އައިސް ވިރެމުންދާ ވަރަކަށް އެ ސަރަހައްދުން ކަނޑުގެ އާ
މަގުތައް ހުޅުވި، ގްރީންލެންޑުގެ މުހިންމުކަން އިތުރަށް ބޮޑުވެގެންދާނެ އެވެ.
މީޑިއާ
ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ތެޔޮ ކުންފުންޏަކުން ވަނީ އިރުމަތީ
ގްރީންލެންޑުގެ ސަރަހައްދެއްގައި މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ. މި
ރިޕޯޓްތަކާ ގުޅިގެން އެ ރަށުގެ ރައްޔިތުންނާއި އޮފިޝަލުން ތިބީ ކަންބޮޑުވެފަ އެވެ.
އެކަމަކު ޓްރަމްޕް ވަނީ ބާރުގެ ބޭނުންކޮށްގެން ގްރީންލެންޑު ހޯދަން ނޫޅޭނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވަނީ ގްރީންލެންޑު ހިފަން ޖެހެނީ ރަޝިޔާ އާއި ޗައިނާގެ ނުރައްކާ އެތަނަށް އޮތުމުން ކަމަށެވެ.