މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހ. މާދޫގޭގައި ހިންގި އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. 

އެ ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަދި ދެ މީހަކު ފަސް ދުވަހަށް ކްރިމިނަލް ކޯޓުން ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށެވެ. އެއީ؛

- އަލް އަމީން، 34

- ޕޮލިން، 43

- އެމްޑީ ރަކިބް ހޮސެން، 25

އެ މީހުންގެ ބަންދާމެދު ގޮތެއް  ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރީ އަމީން އާއި ޕޮލިން އެވެ. ރަކިބް 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން މާދޫގޭގެ ދެ ފްލޯ ބަލައި ފާސްކުރިއިރު 826 ފުޅި ބަނގުރާ އަތުލައިގެންފައިވެ އެވެ.

ފުލުހުން އިއްޔެ އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރެއަށް ވަންނައިރު ލަކުޑި ރެކުތަކެއްގައި ބަނގުރާ ފުޅިތައް ހުރީ އަތުރާލައިފަ އެވެ. 

ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގަ އެވެ. އެތަނުގައި ޕްރިންޓަރާއި އިދާރީ ކަންކަމަށް ބޭނުންކުރާ އެހެން ސާމާނުތައް ވެސް ހުއްޓެވެ.