އެމެރިކާގެ ކުރިއަށް އޮތް މިޑްޓާމް
އިންތިހާބުގައި ޑޮނާލްޑް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރާ
ގްރޫޕްތަކަށް އެމެރިކާގެ ޓެކް ބިލިއަނަރު އީލޮން މަސްކް 267 މިލިއަން ޑޮލަރު
ދީފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ޖުލައި
މަހުން ފެށިގެން އެކިއެކި ގްރޫޕްތަކަށް ފަންޑު ދެމުން އަންނަ މަސްކް އަކީ ނޮވެމްބަރު
3 ގައި ބާއްވާ އިންތިހާބަށް އެންމެ ގިނަ ފައިސާ ހޭދަކުރާ މީހާ ކަމަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކުގެ
ފަރާތުން އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ސެނެޓް ލީޑާޝިޕް ފަންޑަށެވެ. ސެނެޓުގައި
ރިޕަބްލިކަން ކެންޑިޑޭޓުންނަށް އޮތް ހަނި އަގުލަބިއްޔަތު ދެމެހެއްޓުމަށް އެހީތެރިވަމުން
އަންނަ މި ގްރޫޕަށް މަސްކް ވަނީ 158 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.
ޓެސްލާ އަދި ސްޕޭސްއެކްސްގެ ވެރިޔާ މަސްކް ވަނީ
2024 ވަނަ އަހަރު އެމެރިކާގެ ރައީސްގެ މަގާމަށް ޓްރަމްޕް ދެ ވަނަ ފަހަރަށް
ގެންނަން 290 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ޓްރަމްޕުގެ ސަރުކާރުގެ ހަރަދުތައް
ކުޑަކުރުމަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީ ހިންގަން މަސްކަށް
ދިން ނަމަވެސް ފަހުން އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން މަސްކް މަގާމުން
ވަކިވި އެވެ.
އެކަމަކު ދެ ބޭފުޅުން މިހާރު ވަނީ ސުލްހަވެފަ
އެވެ. އެގޮތުން މިދިޔަ ހަފުތާގައި ޓްރަމްޕް ވަނީ ނޭޝަނަލް މެޑަލް އޮފް ސައިންސްގެ
ޝަރަފް މަސްކަށް ދެއްވައިފަ އެވެ.