މި
އަހަރު ދުނިޔޭގެ އިގްތިސާދު 3.1 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ
ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.
ތައިލެންޑުގެ
ވެރިރަށް ބެންކޮކުގައި އޮތް އެ ޖަމާއަތުގެ އަހަރީ ޖަލްސާގައި ނެރުނު މިއަހަރުގެ
ރިޕޯޓުގައި ބުނެފައިވަނީ، މި އަހަރު ދުނިޔޭގެ އިގްތިސާދު 3.1 ޕަސެންޓުގައި
ކުރިއަރާއިރު، މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ 0.1 ޕަސެންޓް މަތީ އަދަދެއް
ކަމަށެވެ. އެކަމަކު މިއީ 2025 ވަނަ އަހަރު އިގްތިސާދު ކުރިއަރާފައިވާ 3.5 ޕަސެންޓަށް
ވުރެ ދަށް އަދަދެކެވެ.
އައިއެމްއެފް
އިން ބުނި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ކުރި ބޮޑެތި
ހޭދަތަކުގެ ސަބަބުން މުއްސަނދި ގައުމުތަކުގެ އިގްތިސާދު ވަނީ ރަނގަޅު ހާލަތެއްގައި
ހިފެހެއްޓިފަ އެވެ. އެގޮތުން މުއްސަނދި ގައުމުތަކުގެ އިގްތިސާދު 2.1
އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އޭއައި ސިނާއަތަށް
ބޭނުންވާ ތަކެތި ފޯރުކޮށްދޭ ތައިވާނާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގެ އިގްތިސާދު
މިއަށްވުރެ މާ އަވަސް މިނެއްގައި ކުރިއަރާނެ ކަމަށްވެސް ވަނީ ބެލެވިފަ އެވެ.
އެކަމަކު
އޭއައިގެ ކުރިއެރުމުން ފައިދާ ނުލިބޭ ފަގީރު ގައުމުތަކަށް ހަކަތައިގެ އަގުތައް
މަތިވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ
ފަންޑުން ބުންޏެވެ.
އައިއެމްއެފްގެ
ޗީފް އިކޮނޮމިސްޓް ސިލްވާނާ ޓެންރޭރޯ ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ
ހަނގުރާމަ ދިގުދެމިގެންދާނަމަ އިންފްލޭޝަނަށް އިތުރު ބާރުބޮޑުވެ، އިގްތިސާދީ
ކުރިއެރުން މަޑުޖެހިގެންދާނެ ކަމަށެވެ.
އަދި އަވަސް
ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަން ފާހަގަކުރައްވައި ޓެންރޭރޯ ވިދާޅުވީ ދިރިއުޅުމުގެ
ހަރަދުތައް ލުއިކޮށްދިނުމަށްޓަކައި ދާއިމީ އަދި ފުޅާ ދާއިރާއެއްގައި އެހީތެރިކަން
ފޯރުކޮށްދިނުމުގެ ބަދަލުގައި، ވަގުތީ އަދި ހާއްސަ އެހީތެރިކަމަށް އިސްކަންދޭން
ޖެހޭ ކަމަށެވެ.
"ކުރިއަށް އޮތް މަސައްކަތަކީ
ހާލަތުން އަރައިގަތުމުގެ ބަދަލުގައި އިގްތިސާދު އަލުން ބިނާކުރުމަށް މިސްރާބު
ބަދަލުކުރުން،" އޭނާ ވިދާޅުވި އެވެ.