ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ
ވަދެއްޖެ ނަމަ ވޭންދެނިވި ރައްދެއް ދޭނެ ކަމަށް ހޫތީންގެ އިސް އޮފިޝަލަކު އިންޒާރު
ދީފި ދީފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހޫތީންގެ ހަމަލާތައް
އަމާޒުވެފައިވާ ސައޫދީ އަރަބިއްޔާ އިން ވަނީ އެމެރިކާގެ މަދަދަށް އެދިފަ އެވެ. އެމެރިކާގެ
ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެކަމާ ވިސްނަވަމުން އަންނަ ކަމަށް ވިދާޅުވެފަ
އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އޭއެފްޕީއަށް ދިން
އިންޓަވިއުއެއްގައި ހޫތީންގެ ސިޔާސީ ގޮފީގެ މެންބަރު މުހައްމަދު އަލް ބުހައިތީ
ވިދާޅުވީ އެމެރިކާ މި ހަނގުރާމައަށް ވަދެއްޖެ ނަމަ ރައްދު ދިނުމާ މެދު ދެ ވަނަ
ވިސްނުމަކަށް ނުދާނެ ކަމަށެވެ.

"އެމެރިކާ އާއި މެދުއިރުމަތީގައި ހުރި
އެމެރިކާގެ އެންމެހާ މަސްލަހަތުތަކަށް އަމާޒުކޮށް އަވަސް އަދި ވޭންދެނިވި ރައްދެއް
ދޭނަން،"

އީރާނުގެ ތާއީދާ އެކު، ޔަމަނުގެ ވެރިރަށް ސަނާ އާއި
އިތުރު ސަރަހައްދުތަކެއް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާއަތް ހޫތީން ވަނީ އިހަށް
ރޭ ސައޫދީގެ ވެރިރަށް ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީފަ
އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ވެސް ހޫތީން ވަނީ ހަމަ އެ އެއާޕޯޓަށް ވަރުގަދަ
ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި 12 މީހުން މަރުވެ، 309 މީހުން ޒަހަމްވި އެވެ.

އަލް ބުހައިތީ ވަނީ ސައޫދީގެ ތެލުގެ
އިންފްރާސްޓްރަކްޗާތަކާއި އެއާޕޯޓްތަކުގައި މަސައްކަތްކުރާ ހުރިހާ
މުވައްޒަފުންނާއި މަސައްކަތްތެރިން އެ ސަރަހައްދުތަކާ ދުރުގައި ތިބުމަށް އެދިފަ އެވެ.

އޭނާ ބުނީ ސައޫދީގެ އަމާޒުތަކަށް ހަމަލާދިނުމުގެ
މަގްސަދަކީ ވަލީ އަހުދަށް މުހައްމަދު ބިން ސަލްމާން މެސެޖެއް ދިނުން ކަމަށެވެ.

ސައޫދީން ތާއީދުކުރާ ޔަމަނުގައި އޮތް ބައިނަލްއަގްވާމީ
ގިނަ ގައުމުތަކުން ގަބޫލުކުރާ ސަރުކާރަށެވެ. އަދި ހޫތީންނާ ދެކޮޅަށް ބައިނަލްއަގްވާމީ
ކޯލިޝަނެއް ހަދައި ސައޫދީން އަންނަނީ 2015 އިން ފެށިގެން ހަނގުރާމަކުރަމުންނެވެ. ބޭނުމަކީ
ހޫތީން ކޮންޓްރޯލް ނަގާފައިވާ ސަރަހައްދުތައް މިނިވަންކުރުމެވެ.

ދެ ފަރާތުގެ މެދުގައި 2022 ގައި ކޮންމެވެސް ވަރަކަށް
ސުލްހަ ގާއިމުވި ނަމަވެސް މި އަހަރުގެ މެދުތެރެއިން ފެށިގެން އަނެއްކާ ހަނގުރާމަ
ވަނީ ވަރުގަދަވެފަ އެވެ.