މޯލްޑިވްސް
އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމު ކޮށްގެން ބާއްވާ "އެމްއައިބީ
ގެސްޓް ހައުސް ސިމްޕޯސިއަމް 2026" ގެ ތިންވަނަ އެޑިޝަނާއި އަލަށް
ތައާރަފްކުރާ ފުރަތަމަ "އެމްއައިބީ ގެސްޓް ހައުސް އެވޯޑްސް"ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
މި ދެ ހަރަކާތް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ބާސެލޯ ނަސަންދުރާގަ އެވެ. މި
އަހަރުގެ ސިމްޕޯސިއަމްގެ ތީމަކީ "ބިޔޯންޑް ދަ ސްޓޭ: ބިލްޑިން ދަ
ގެސްޓް ހައުސް އޮފް ޓުމޯރޯ" އެވެ.
ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގެ
އިސް ފަރާތްތަކުގެ އިތުރުން މުހިންމު ބައިވެރިން އެއްތަންވެ، ހިޔާލު
ބަދަލުކުރުމާއި އާ ފުރުސަތުތައް ހޯދުމުގެ އިތުރުން ގެސްޓް ހައުސް
ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.
އެމްއައިބީއިން ކޮންމެ އަހަރަކު ވެސް ބާއްވާ މި ސިމްޕޯސިއަމަކީ ދާއިރާއަށް ކުރިމަތިވެފައިވާ
ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރުމަށާއި އަމަލީ ތަޖުރިބާތައް ހިއްސާކުރުމަށާއި ރަށްރަށުގެ ގެސްޓް ހައުސްތަކުގެ ވާދަވެރިކަމާއި ދެމެހެއްޓެނިވިކަން
އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި
އަހަރުގެ ސިމްޕޯސިއަމްގެ ކީނޯޓް އެޑްރެސް ދެއްވާނީ ބައިނަލްއަގުވާމީ ސްޕީކާ، އޮންލައިން ބިޒްނަސް
ސްޓްރެޓެޖިސްޓް އަދި މުސަންނިފު ކިރުބާ ޝަންކަރެވެ. އޭނާ 24 ގައުމެއްގައި 700 އަށް ވުރެ
ގިނަ ތަގުރީރު ކުރައްވާފައިވާއިރު، ކިރުބާއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑިޖިޓަލް ޓްރާންސްފޯމޭޝަން، އޮންލައިން ރެޕިއުޓޭޝަން މެނޭޖްމަންޓް އަދި ވިޔަފާރި
ކުރިއެރުވުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހުންނެވި ބޭފުޅެކެވެ.
އޭނާގެ ކީނޯޓްގައި، ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ޑިޖިޓަލް ޓޫރިޒަމްގެ މާހައުލެއްގައި ގެސްޓް ހައުސް އޮޕަރޭޓަރުންނަށް އީޖާދީ ގޮތްތައް ބޭނުންކޮށްގެން
ވިޔަފާރި ފުޅާކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާނެ އެވެ.
އެ ސިމްޕޯޒިއަމްގައި ދާއިރާގެ
މުސްތަގުބަލާ ގުޅޭ މުހިންމު މައުލޫއުތަކަށް އަމާޒުކޮށްގެން ހާއްސަ ޕެނަލް
ޑިސްކަޝަނެއް ވެސް އޮންނާނެ އެވެ.
ސިމްޕޯޒިއަމްގައި ރާއްޖޭގައި އަލަށް ބާއްވާ
"އެމްއައިބީ ގެސްޓް ހައުސް އެވޯޑްސް 2026" ކުރިއަށް ގެންދާނެ އެވެ. މިއީ ރާއްޖޭގެ ގެސްޓް ހައުސް
ދާއިރާގެ ކުރިއެރުމާއި ފާހަގަކޮށްލެވޭ ހިދުމަތްތައް ވަޒަންކޮށް، އެކަންކަން
ބަލައިގަތުމަށް އެމްއައިބީއިން ކުރާ މަސައްކަތުގެ ތެރެއިން ފެށި އާ އެވޯޑެކެވެ.
މި
އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ގެސްޓް ހައުސްތަކަށާއި ވަކިވަކި ފަރުދުންގެ
އިތުރުން ރަށްރަށަށެވެ. އެވޯޑު ދޭނީ މެހުމާންދާރީގެ ހިދުމަތްތެރިކަން، އީޖާދީ
މަސައްކަތްތައް، ދިވެހިވަންތަ ތަޖުރިބާތައް، ދެމެހެއްޓެނިވިކަން، އަދި އިޖުތިމާއީ
ފައިދާއަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށެވެ.
މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ހިތްވަރުދިނުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތައް އަށަގެންނެވުމާއި ދާއިރާގެ
ކުރިއެރުމަށް އިންގިލާބީ ބަދަލުތަކެއް ގެންނަ ފަރާތްތަކުގެ އަގުވަޒަންކުރުން
ކަމުގައި އެމްއައިބީއިން ބުންޏެވެ.
މި އެވޯޑުގެ
އިންސާފުވެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެވޯޑް އިވެލުއޭޓް ކުރުމުގެ މިނިވަން
ޕާޓްނަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފަ އެވެ.
އެމްއައިބީއިން
ބުނިގޮތުގައި ސިމްޕޯސިއަމާއި އެވޯޑްސް އެއްކޮށް ބާއްވަނީ މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ މާހައުލެއް
ގާއިމުކުރުމާ އެކު، ރާއްޖޭގެ ގެސްޓް ހައުސް ޓޫރިޒަމް ކުރިއެރުވުމަށް
މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށެވެ.