ބޭންކް އޮފް މޯލްޑިވްސްގެ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން، ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަ 25 ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ޒުވާން
ދިވެހިންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ
ތަޖުރިބާ ހޯދައިދޭން ފަރުމާކޮށްފައިވާ ފުރުސަތެކެވެ. މި ޕްރޮގްރާމްގެ ދަށުން
ބޭންކުގައި އެއް އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން
ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވުމާއި ތަޖުރިބާކާރު
މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު
ލިބޭނެ އެވެ.
އިންޓާންޝިޕަށް ހޮވޭ މީހުންނަށް މަހަކު 11,000ރ.ގެ އެލަވަންސަކާއި ރޯދަ އިނާޔަތުގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް
އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެ އެވެ.
އިންޓާންޝިޕަށް ކުރިމަތިލެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި އެއީ ޓެކްނޮލޮޖީއާ ގުޅުން ހުރި ދާއިރާއަކުން ތައުލީމު
ހާސިލުކުރަމުން އަންނަ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.
އޭގެ އިތުރުން، މި ދާއިރާއިން ފަންނީ ހުނަރު ހުރި މީހުންނަށް ވެސް ފުރުސަތު ވަނީ
ހުޅުވާލައިފަ އެވެ.
މި ޕްރޮގްރާމްގައި ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެ އެވެ.
ބީއެމްއެލް އިން އިންޓާންޝިޕް ޕްރޮގުރާމް ތއާރަފް ކުރީ 2018 ވަނަ
އަހަރެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހަތް
ބެޗެއްގައި 98 އިންޓާނުން ތަމްރީނު ފުރިހަމަކޮށްފައި ވާއިރު، އޭގެ ތެރެއިން 60 ޕަސެންޓު މީހުންނަށް ބޭންކްގެ ދާއިމީ ވަޒީފާ ހަމަޖައްސާފައިވެ އެވެ.