މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތައް މި އަންނަ ރޯދަމަހު ސީދާ އައްޑޫ ގަމުން ސައުދި އަރަބިއްޔާގެ ޖިއްދާއަށް ފަށަން ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑު އާއި ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އިންތިޒާމުކުރާ ހާއްސަ ދަތުރެއް ކަމަށެވެ.
ރޯދަމަހުގެ ފަހު 15 އަށް ހާއްސަކޮށްގެން ބާއްވާ އެ ފްލައިޓުގެ ދަތުރު ބާއްވާނީ އަންނަ އަހަރު ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ގަމުން ސީދާ ޖިއްދާއަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޝައްވާލު މަހުގެ ހަ ރޯދަ ވެސް ހިމެނޭ ގޮތަށް ހަދާފައިވާ އެ އުމްރާ ޕެކޭޖުގެ އަގަކީ 48،965ރ. އެވެ.
މީގެ އިތުރުން، މުޅި ރޯދަމަހު އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލާފައިވާއިރު، އެ އުމްރާ ޕެކޭޖުގެ އަގަކީ 54،965ރ. އެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ އުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ އެ ކޯޕަރޭޝަންގެ
އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ނުވަތަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ.
އަބަދުވެސް އެންމެ ބޮޑު
އިސްކަމެއް ދެނީ ހައްޖުވެރިންނާއި އުމްރާވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ
ފެންވަރު މަތިކޮށް، ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަންގެ އުމްރާ
ދަތުރު ޕެކޭޖުތަކުގައި ފޯރުކޮށްދޭ ހިދުމަތްތަކަކީ؛
ދިވެހި ޑޮކްޓަރުންނާއި
ނަރުހުން ހިމެނޭހެން ކްލިނިކްގެ ހިދުމަތް- ފާމަސީގެ ހިދުމަތް
- ހިލޭ ވެކްސިން
ޖަހައިދިނުން - މަދީނާއަށް ދަތުރުކުރުމަށް
ހައިސްޕީޑް ރޭލުގެ ހިދުމަތް - މަދީނާގައި ތިން ރޭ
ހޭދަކުރުން - މީރު ދިވެހި ކެއުން
- ލޯންޑްރީ އަދި
އިސްތިރިކުރުމުގެ ހިދުމަތް - ދީނީ އިލްމުވެރިންގެ ދަރުސްތަކާއި
އަޅުކަމުގެ އިރުޝާދުދިނުން - އުމްރާ ކިޓް
- ބަގީގެ ހިދުމަތް
- ލޮކޭޝަން ޓްރެކިން ޑިވައި
ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިޔަށް
އޮތް ތަނުގައި، ޖުލައި މަހާއި ޑިސެމްބަރު މަހުގެ އިތުރުން ރޯދަމަހު ވެސް އައްޑޫން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި
ގޮތެއްގައި ކުރިޔަށް ގެންދިޔުން ކަމަށެވެ.
އެ ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމަށް ފަހިވެފައި ވަނީ، ގައުމީ
އެއާލައިން މޯލްޑިވިއަން އިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން ކަމަށާއި މިއީ މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި
އިތުރަށް ފުޅާކުރުމަށް ހައްޖު ކޯޕަރޭޝަނަށް ލިބުނު ބޮޑު ބާރެއް ކަމަށް ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އައްޑޫން ޖިއްދާއަށް ދަތުރުތައް ފަށަނީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާ އެކު އުމްރާގެ އަޅުކަމަށް ދަތުރުކުރެވޭނެ
މަގު ދެމެހެއްޓެނިވި ގޮތެއްގައި
ފަހިކޮށްދިނުމަށް ކަމަށެވެ.
އައްޑޫ ގަމުން ސީދާ ޖިއްދާއަށް ދެވޭ ގޮތަށް އުމްރާގެ ދަތުރުތައް ފުރަތަމަ ރާވައި، އެކަން ފެށީ އަމިއްލަ ޖަމާއަތެއް ކަމަށްވާ "ދަތުރުވެރިޔާ" އިންނެވެ. ގަމުން ސީދާ ޖިއްދާއަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭ-330 ގެ މަތިންދާބޯޓުގައި އެ ދަތުރުގައި މިދިޔަ ޖުލައި މަހު 259 މީހަކު އުމްރާގެ އަޅުކަމަށް ދިޔަ އެވެ. އޭގެ ތެރެއިން 110 މީހަކު ގުޅުނީ އައްޑޫންނެވެ.