23 އެޕްރީލް 2017 - 06:32

ދީޕިކާ ޕަދުކޯން މިހާރު ކުޅެމުންދާ "ޕަދްމާވަތީ" އަށް ފަހު އިތުރު ފިލްމެއް ކުޅެން އޭނާ ސޮއިކޮށްފި އެވެ. މި ފިލްމުގައި ވެސް ދީޕިކާގެ ކޯސްޓާރަކީ "ޕީކޫ" ގައި ވެސް އޭނާއާ އެކު މަސައްކަތްކުރި އިރްފާން ޚާނެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ހުކުރު ދުވަހު ކުރި ޓުވީޓެއްގައި ބުނީ ދީޕިކާ، 31، އާއި އިރްފާން، 50، ކުޅެން ސޮއިކޮށްފައިވާ މި ފިލްމަކީ ވިޝާލް ބަރްދްވާޖް ކޯ-ޕްރޮޑިއުސްކޮށް ހަނީ ޓްރެހާން ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ.
މި ފިލްމަށް އަދި ރަސްމީކޮށް ނަމެއް ކިޔާފައި ނުވި ނަމަވެސް ފިލްމު ބިނާ ކޮށްފައިވަނީ ނޫސްވެރިޔާ ހުސެއިން ޒައިދީ ލިޔެފައިވާ ފޮތެއް ކަމަށްވާ "މާފިއާ ކުއީންސް އޮފް މުމްބައި"ގެ މައްޗަށެވެ. ފިލްމުގައި ދީޕިކާ ކުޅޭނީ ގޭންގްސްޓާ ރަހީމާ ޚާންގެ ރޯލެވެ. އިރްފާން ކުޅެނީ ގޭންގް ލީޑަރެއް ކަމަށްވާ ދާއޫދު އިބްރާހީމްގެ ރޯލެވެ.
އިންޑިއާގެ ނޫހަކަށް ވިޝާލް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާއަށް ޚާއްސަކޮށްގެން ސްކްރިޕްޓެއް ލިޔެދިނުމަށް ދީޕިކާ އެދެމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެހެންކަމުން އޭނާ މިފަހަރު ލިޔެފައިވާ ސްކްރިޕްޓް ދީޕިކާއަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ.
ދީޕިކާ މިވަގުތު މަސައްކަތް ކުރަނީ ބޮލީވުޑްގެ އެންމެ ފިލްމެއްގެ އެވެ. އެއީ ޝާހިދު ކަޕޫރާއި ރަންވީރު ސިންގާ އެކު އޭނާ ކުޅެމުންދާ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އެވެ.