ކަރިޝްމާ ކަޕޫރު އަލުން ކައިވެނި ކުރަނީތަ؟
ކަރިޝްމާ ކަޕޫރު އަލުން ކައިވެނި ކުރަނީތަ؟

ބޮލީވުޑް ބަތަލާ ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު މިދިޔަ ހަފުތާގައި ވަނީ މޮޑެލް އެއް ކަމަށްވާ ޕްރިޔާ ސަޗްދޭވްއާ ކައިވެނިކޮށްފަ އެވެ. ކުރީގެ ފިރިމީހާގެ ދެ ވަނަ ކައިވެންޏާ އެކު ކަރިޝްމާ ވެސް އޭނާ މިހާރު ރައްޓެހިވެގެން އުޅޭ ސަންދީޕް ތޮޝްނީވާލާއާ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ އަރައިފަ އެވެ.

ނަމަވެސް ކަރިޝްމާގެ ބައްޕަ ރަންދީރް ކަޕޫރު ބުނަނީ އޭނާގެ ދަރިފުޅުގެ ކައިވެނި ކުރުމުގެ އެއްވެސް ޕްލޭނެއް މިވަގުތު ނެތް ކަމަށެވެ.

"އަހަންނަށް ހީވަނީ ލޯލޯ (ކަރިޝްމާ) މިވަގުތު ހުރީ ވަރަށް ހަމަޖެހިލައިގެން އުފާވެރިކޮށް ހެން. އޭނާ އަލުން ކައިވެނިކުރުމާ ބެހޭ ގޮތުން އަހަރެން އޭނާއާ އެއްވެސް ވާހަކައެއް ނުދައްކަން. އެކަމަކު އެފަދަ ޕްލޭނެއް ގެންގުޅޭ ނަމަ އަހަރެންގެ ހެޔޮ ދުއާ އަބަދުވެސް އޭނާއާއެކު ވާނެ. އެކަމަކު އެފަދަ ވިސްނުމެއް އޭނާ ގެންގުޅޭހެނެއް ހިއެއް ނުވޭ. މަންމައެއްގެ ރޯލަކީ އޭނާ މާ އުފާވާ ރޯލެއް،" ޑީއެންއޭ އަށް ދީފައިވާ އިންޓަވިއުއެއްގައި ރަންދީރު ބުންޏެވެ.

ކަރިޝްމާ، 42، އާއި ސަންޖޭ ކައިވެނި ކުރީ 2003 ގަ އެވެ. މި ދެ މީހުންނަށް ފިރިހެން ކުއްޖަކާއި އަންހެންކުއްޖަކު ލިބިފައިވެ އެވެ. އަންހެން ދަރިފުޅު ސަމައިރާ ކަޕޫރަށް މިހާރު 12 އަހަރު ފުރިފައިވާއިރު ފިރިހެން ދަރިފުޅު ކިއާން ރާޖް ކަޕޫރަށް މިހާރު ހަތް އަހަރެވެ. މި ދެ މީހުންގެ ކައިވެނީގައި މައްސަލަތައް ޖެހި 2014 ގައި ވަކިވުމަށް ފަހު ވަރީގެ ކަންތައް ރަސްމީކޮށް ނިމުނީ މިދިޔަ އަހަރު އެވެ.

ކަރިޝްމާ މިހާރު ރައްޓެހިވެގެން އުޅޭ ސަންދީޕަކީ ފާމަސޫޓިކަލް ކުންފުންޏެއްގެ ސީއީއޯ އެކެވެ.

ކަރިޝްމާގެ ދިގު ފިލްމީ ކެރިއަރުގައި އޭނާގެ ހަނދާން ގިނަ ބަޔަކު އެންމެ ބޮޑަށް ކުރަނީ "ރާޖާ ހިންދުސްތާނީ"، "ޒުބެއިދާ" އަދި "ފިޒާ" އާއި "ޝަކްތީ" ފަދަ ފިލްމުތަކުގައި އޭނާ ކުޅެފައިވާ އާދަޔާޚިލާފު މޮޅު ރޯލުތަކުންނެވެ. މިވަގުތު ކަރިޝްމާ މަސައްކަތް ކުރަމުންދަނީ އެންމެ ފިލްމެއްގަ އެވެ. އެއީ 1997 ގައި އޭނާ އާއި ސަލްމާން ޚާން ކުޅުނު "ޖުޅްވާ"ގެ ސީކުއަލްގަ އެވެ. މިފަހަރުގެ ފިލްމުގައި ސަލްމާނާއި ކަރިޝްމާ އަދާކުރަނީ މެހެމާނެއްގެ ރޯލެވެ.