ސޯހާ އާއި ކުނާލް ކޭމޫ އަށް ދަރިއަކު ލިބެނީ
ސޯހާ އާއި ކުނާލް ކޭމޫ އަށް ދަރިއަކު ލިބެނީ

ބޮލީވުޑްގައި މަސައްކަތްކުރާ ދެމަފިރިން ކަމަށްވާ ސޯހާ އަލީ ޚާން އާއި ކުނާލް ކޭމޫ އަށް ދަރިއަކު އުޅޭ ކަމަށް ކުނާލް ބުނެފި އެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ކުނާލް ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ.

ސޯހާ، 38، އާއި ކުނާލް، 33، ކައިވެނިކުރީ 2015 ވަނަ އަހަރު އެވެ. މި ދެ މީހުން ބައްދަލުވެފައި ވަނީ 2009 ގައި ރިލީޒްކުރި "ޑޫންޑްތޭ ރެހް ޖާއޯގޭ"ގެ ސެޓުންނެވެ.

ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓޭގޯ އާއި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަންސޫރު އަލީ ޚާންގެ ދަރިއެއް ކަމަށްވާ ސޯހާ އަކީ އެކްޓަރު ސައިފް އަލީ ޚާންގެ ކޮއްކޮ އެވެ.

ސޯހާ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދިލް މާންގޭ މޯ"، "ރަންގް ދޭ ބަސަންތީ"، "ކޮޔާ ކޮޔާ ޗާންދު"، "ތުމް މިލޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ކުނާލް މި ވަގުތު ކުޅެމުންދަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް އެގެއިން" އެވެ.

ސޯހާ އާއި ކުނާލް އަށް ދަރިއަކު ލިބޭކަން އިއުލާން މި ކުރީ އެ ދެ މީހުންގެ މެދުގައި މައްސަލަ ޖެހި ވަރިވާން އުޅޭކަމުގެ ޚަބަރުތަކެއް މިދިޔަ އަހަރ ތެރޭ ފެތުރިފައި ވަނިކޮށެވެ. ނަމަވެސް ކުނާލް ކުރި ޓުވީޓެއްގައި މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެފައިވެ އެވެ.