ބޭންކް
އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާ އެކު،
މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ބޭއްވި ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން
ޕްރޮގްރާމް ނިންމާލައިފި އެވެ.

"ޒައިތޫން"ގެ ނަމުގައި ހުޅުމާލެ 2 ގައި ބޭއްވި އެ ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި
ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގި
ޕްރޮގްރާމެކެވެ.

ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުން މުޖުތަމައުއަށް ނެރެ، އަހުލުވެރިކުރުވުމަށާއި ނަފްސާނީ ބަލިތަކާ މެދު މުޖުތަމައުގައި އޮންނަ ނޭދެވޭ
ވިސްނުންތައް ބަދަލުކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ހާއްސަ އިސްކަމެއް މި ޕްރޮގްރާމްގައި ދިން ކަމަށް ބީއެމްއެލް އިން މިއަދު ބުންޏެވެ.

އެމްއެންއޭ ބޭއްވި އެ ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި ދުޅަހެޔޮ
ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގާފައިވެ އެވެ. އެ ހަރަކާތްތަކުގެ
ޒަރީއާއިން ހުޅުމާލޭގެ ސަތޭކައަށް ވުރެ ގިނަ މީހުންނަށް ވަނީ އެހީތެރިކަން
ފޯރުކޮށްދީފަ އެވެ.

ބީއެމްއެލް، ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުއަށް ފައިދާ ހުރި
އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާއީ މަޝްރޫއުތަކަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.