ގާނޫނާ އެއްގޮތަށް މީހަކު ވަކިކުރުމަކީ ކުށެއް ނަމަ އިންތިހާބު ކުރުމަކީ ވެސް ކުށެއް: މައުމޫން
ގާނޫނާ އެއްގޮތަށް މީހަކު ވަކިކުރުމަކީ ކުށެއް ނަމަ އިންތިހާބު ކުރުމަކީ ވެސް ކުށެއް: މައުމޫން

ގާނޫނު އަސާސީގައިވާ އުސޫލުން މީހަކު މަގާމުން ވަކިކުރަން އުޅުމަކީ ކުށެއް ނަމަ، މީހަކު އިންތިހާބު ކުރުމަށް މަސައްކަތް ކުރުން ވެސް ވާނީ ކުށަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މިވަގުތު އިންޑިއާގައި ހުންނެވި މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރާ މި ދަނޑިވަޅު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެންނެވެ.

ގާސިމް ދޫކޮށްލަން ގޮވާލައްވައި މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކުރަން އުޅުމަކީ ކުށެއް ނޫން ކަމަށެވެ.

ގާސިމް ހައްޔަރު ކޮށްފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގަ އެވެ.

މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން މަޖިލިހުގެ ގަވާއިދު ހުއްދަ ދީފައި އޮތަސް އެ މަސައްކަތްކުރުމަކީ ކުށެއް ކަމަށް ފުލުހުންގެ ބަޔާނުން ދޭހަވާ ކަމަށެވެ.

ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަމާ ދެކޮޅަށް އަޑުއުފުލަން އެއްވި މީހުންގެ ތެރޭގައި ހުންނަވައި، ގާސިމް ހައްޔަރުކުރަން ފުލުހުން ހޯދި އަމުރަށް ނިސްބަތްކުރައްވާ ފާރިސް ވިދާޅުވި ގޮތުގައި "ހުއްދަ އޮތް ކަމެއް ކުށެއް ކަމަށް"" ފުލުހުން މިހާރު ދެކެނީ އެވެ.

"ފުލުހުންގެ ބަޔާނުން [އަމުރު ނެރުނު ސަބަބުތަކަށް އިޝާރަތްކުރައްވާ] ދޭހަވަނީ 42 ސޮއި ހަމަކުރަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް. މަޖިލިސްގެ ގަވާއިދު ލާޒިމްކުރާ ކަމެއް، ހުއްދަކޮށްފައި އޮތް ކަމެއް ކުށެއް ކަމަށް އެހެން ބަޔަކު އެ ވިދާޅުވަނީ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި ތާއީދު ހޯދަން މީހުން ކައިރީ ވާހަކަ ދެއްކުމަކީ ސިޔާސީ ދާއިރާގެ މައިގަނޑު މަސައްކަތެވެ. އެކަމަކު ފުލުހުންގެ އަމަލްތަކުން މިހާރު ދޭހަވަނީ، އޭނާ ވިދާޅުވި ގޮތުގައި، ތަފާތު ވިސްނުން ހުރި ބަޔަކާ ވާހަކަ ދައްކައިގެން، ވިސްނުން އެއްގޮތްކުރަން މަސައްކަތްކުރުމަކީ މަނާ ކަމެއް ހެންނެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދު ވަނީ ގާސިމްގެ ބަންދަށް 15 ދުވަސް އިތުރުކުރައްވައިފަ އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވުމުގެ ތުހުމަތުގައި ގާސިމް އެންމެ ފުރަތަމަ ހައްޔަރު ކުރުމާ ގުޅިގެން ވެސް މައުމޫން ފާޑު ވިދާޅުވި އެވެ.

އޭރު އެމަނިކުފާނު ސުވާލުކުރެއްވީ ރިިޝްވަތުގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރެއްވި އިރު "ފައިސާ ގޯނި ހިފައިގެން މެމްބަރުންގެ ގާތަށް ހިނގި ކަމަށް" ބުނި މީހާއާ މެދު އެޅި ފިޔަވަޅަކީ ކޮބައިތޯ އެވެ.

"ކޮބައިތޯ ހަމަޔާއި އިންސާފު. ޖަވާބު ދެއްވާ!"، ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކައަށް އިޝާރަތްކުރައްވާ މައުމޫންގެ އެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.