އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލައިގައި ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށްފި އެވެ.
އެކި މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް ޕެރޯލް ބޯޑުގައި ނުވަ މެންބަރުން ތިބޭއިރު އެ ހުރިހާ މެންބަރުން ވެސް ވަކިކޮށްފައިވާ ކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް އަބުޗާއަށް ދިން ޕެރޯލް އުވާލައި، އޭނާ މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
ސަރުކާރުން މި ފިޔަވަޅުތައް އަޅާފައިމިވަނީ މި މަހުގެ އެއްވަނަ ދުވަހު ދޫކޮށްލި އަބުޗާގެ މައްސަލަ މީޑިއާއިން ރިޕޯޓްކޮށް އެކަމާ އާންމުންގެ ފާޑުކިޔުން އަމާޒުވުމުންނެވެ.
އުމުރު ދުވަހުގެ ހުކުމުގެ ގޮތުގައި ބަލާ 25 އަހަރުގެ ހުކުމެއް ދެ ދައުވާއަކާ ގުޅިގެން އިއްވާފައިވާ އަބުޗާގެ މައްޗަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައި އޭނާ ބަންދުކުރީ އޮކްޓޯބަރު، 2020ގަ އެވެ. އެހެންކަމުން އޭނާ ޖަލު ބަންދުގައި ހޭދަކުރާތާ ހަ އަހަރު ވަނީ ވެފަ އެވެ.
ޕެރޯލްގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތީގެ ތިން ބާވަތެއްގެ ކުށް ފިޔަވައި އެހެން ކުށްތަކުގައި ޖަލުގައި ތިބޭ މީހުންނަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ.
އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކުރަން ޖެހެނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ޑައިމޯފިން ނަމަ، އެ މަސްތުވާއެއްޗެއްގެ ހަތަރު ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށާއި ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗާ ނުވަތަ ކެނެބިސް ރެސިން ނަމަ، އެ މަސްތުވާއެއްޗެއްގެ 14 ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް އަދި އެހެން ބާވަތެއްގެ މަސްތުވާއެއްޗެއްނަމަ، އެ މަސްތުވާއެއްޗެއްގެ އެއް ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށެވެ.
ނަމަވެސް، މިހާރު މަސްތުވާތަކެތީގެ ގާނޫނަށް ގެނެސްފައިވާ ބަދަލުން، އެ ބަދަލަށް ފަހު ކުށް ސާބިތުވާ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ އެވެ.