"އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026"ގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޕްރޮޕެޝަނަލް
ސްޕީކާ އަދި އޮންލައިން ބިޒްނަސް ސްޓްރެޓީޖިސްޓް، ކިރުބާ ޝަންކަރު ހަމަޖައްސައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން، 24 ގައުމެއްގައި 700 އަށް ވުރެ ގިނަ
ސްޕީޗް ހުށަހަޅާދީފައިވާ ކިރުބާ އަކީ އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓްރާންސްފޮމޭޝަން، އޮންލައިން ރެޕިއުޓޭޝަން
މެނޭޖްމަންޓް އަދި ވިޔަފާރި ކުރިއެރުވުމުގެ ތަޖުރިބާކާރެކެވެ. އޭގެ އިތުރުން، އޭނާއަކީ ޕްރޮފެޝަނަލް ސްޕީކާސް
އެސޯސިއޭޝަން އޮފް އިންޑިއާގެ ފައުންޑާ އަދި ފައުޑިން ޕްރެޒިޑެންޓެވެ.
ކިރުބާގެ ވާހަކަދެއްކުމުގެ ވައްޓަފާޅި ގެންގުޅެނީ ވިޔަފާރީގެ އަމަލީ މައިދާނާ ގުޅޭ، ފަސޭހައިން ވިސްނޭ ކަންތައްތައް ހިމަނައިގެން،
އުނދަގޫ ބޮޑެތި ހިޔާލުތައް ވެސް އަމަލީގޮތުން ބޭނުންހިފޭ ފަދަ ފަސޭހަ
މައުލޫމާތަކަށް ބަދަލުކޮށްލަދޭ ގޮތަށެވެ.
އެ ސިމްޕޯސިއަމްގައި ކިރުބާ ދޭ ކީނޯޓް
ހާއްސަކުރަން ހަމަޖައްސާފައި ވަނީ ގެސްޓްހައުސް ސިނާއަތަށް އަންނަމުންދާ ބަދަލުތަކަށެވެ. އަދި
ޑިޖިޓަލްވެ ވާދަވެރިވަމުންދާ މާހައުލެއްގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް
ޒަމާނީ ބަދަލުތަކަށް އަހުލުވެރިވެ، އީޖާދީ ގޮތްތައް ހޯދައި، ވިޔަފާރި ފުޅާކުރުމަށް
ބޭނުންވާ އާ ވިސްނުންތަކާއި އަމަލީ އިރުޝާދުތައް އެ ސެޝަންގައި ހިއްސާކުރާނެ އެވެ.
އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގަ އެވެ. އެ ސިމްޕޯސިއަމްގައި ރާއްޖޭގެ ގެސްޓްހައުސްތަކުގެ ވެރިންނާއި، އޮޕަރޭޓަރުން އަދި
ސިނާއަތާ ގުޅުންހުރި އެކި ފަރާތްތައް ބައިވެރިވެ، ހިޔާލު ބަދަލުކޮށް، ގުޅުން
ބަދަހިކޮށް، ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ މެދު މުހިންމު މަޝްވަރާތައް
ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.