ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު ވިލިމާލެ ޕޮލިހުން ބޭއްވި "އިސްރަށްވެހިންގެ އުފާ" ހަރަކާތުގައި އައިކެއާ ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.
ދުވަސްވީ
މީހުންގެ އަގުވަޒަންކޮށް، އެ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަކޮށްގެން ބޭއްވި އެ ހަވީރުގައި، އައިކެއާގެ ޓީމުން ވަނީ ވިލިމާލޭގެ އިސްރަށްވެހިންނަށް
ލޮލުގެ ސްކްރީނިން ހިދުމަތްތައް ފޯރުކޮށްދީފަ އެވެ. އެ ހަރަކާތަކީ
މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، އުމުރުން ދުވަސްވަމުންދާ ވަރަކަށް
ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމަށް ލިބުނު އަގުހުރި
ފުރުސަތެއްގެ ގޮތުގައި އައިކެއާއިން ސިފަކުރެ އެވެ.
އެތަނުން ބުނީ ލޮލުގެ ފެނުން ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަކީ ދުވަސްވީ މީހުންނަށް
އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން
ފަސޭހަކަމާ އެކު ކުރުމުގެ އިތުރުން، އާއިލާއާ އެކު އުފާވެރި ވަގުތުތައް ހޭދަކުރުމަށް
އެހީތެރިވެދޭނެ ކަމެއް ކަމަށް އައިކެއާއިން ބުންޏެވެ. އެހެންވެ، އެފަރާތްތަކުގެ ލޮލުގެ ސިއްހަތަށް
ސަމާލުކަން ދިނުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން މުހިންމު
ކަމެއްކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އުމުރުން ދުވަސްވީ
މީހުންނަކީ ކެޓަރެކްޓް (ލޮލަށް ފުސްއެރުން)، ގްލައުކޯމާ (ލޮލުގެ ޕްރެޝަރު
މަތިވުން) އަދި އުމުރާ ގުޅިގެން މެކިއުލާ ހަލާކުވުން (އޭއެމްޑީ) ފަދަ ލޮލުގެ
ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ބައެކެވެ. މީގެ އިތުރުން ހަކުރުބަލި ހުންނަ
ފަރާތްތަކުން ލޮލުގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.
ލޮލުގެ ބައެއް
ބަލިތަކަކީ އޭގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި އަވަހަށް ބޮޑުވާ
ބަލިތަކަކަށް ވާތީ، ލޮލުގެ ފެނުމަށް ބަދަލެއް ނައި ނަމަވެސް، ގަވާއިދުން ލޮލުގެ
ފުރިހަމަ ޓެސްޓުތައް ހެދުން މުހިންމެވެ.
އައިކެއާއިން ބުނީ ވިލިމާލެ ޕޮލިހުން އިންތިޒާމްކޮށްގެން ބޭއްވި އެ ހަރަކާތަކީ އިޖުތިމާއީ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މިފަދަ
އިޖުތިމާއީ ބައިވެރިވުންތަކުގެ ޒަރީއާއިން، ލޮލުގެ ސިއްހަތާ މެދު ހޭލުންތެރިކަން
އިތުރުކުރުމުގެ މަސައްކަތްތަކުގައި އެ ހޮސްޕިޓަލުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ބުންޏެވެ.