ގާސިމް ހައްޔަރުކުރުމުން ކަންބޮޑުވަން، ކައިރިން މިދަނީ ބަލަމުން: އައިޕީޔޫ
ގާސިމް ހައްޔަރުކުރުމުން ކަންބޮޑުވަން، ކައިރިން މިދަނީ ބަލަމުން: އައިޕީޔޫ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމުން އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދުނިޔޭގެ ގައުމުތަކުގެ މަޖިލިސް މެމްބަރުން ތަމްސީލުކުރާ ޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ވަނީ ގާސިމާ މެދު ގާނޫނާ އެއްގޮތަށް އިންސާފުން އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

"ހާލަތު މިދަނީ ކައިރިން ބަލަމުން،" އައިޕީޔޫގެ ޓްވީޓްގައި ބުނެފައިވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ގާސިމް ރޭ ދަންވަރު ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު މިއަދު ވަނީ 15 ދުވަހަށް އިތުރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމާއި ސަރުކާރު ބަދަލުކުރަން މަސައްކަތްކުރުން ފަދަ ތުހުމަތުތަކެއްގައި މީގެ ކުރިން ވެސް ގާސިމް ވަނީ ހައްޔަރު ކޮށްފަ އެވެ.

އެ ފަހަރު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފަ އެވެ. އެ ހުކުމް ހައި ކޯޓުން ބާތިލްކުރީ ފަސް ދުވަހު ބަންދުގައި ހުންނެވި ފަހުންނެވެ.

ގާސިމާ ދެކޮޅަށް މިހާރު ފަށާފައިވާ ޝަރީއަތުގެ ފުރަތަމަ ދުވަހު ވެސް ބަންދުގައި ބަހައްޓަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެކަމަކު އެ ކޯޓުން އެގޮތަށް އެ އަމުރު ދީފައެއް ނުވެ އެވެ.

ރޭ ގާސިމް ހައްޔަރުކުރީ އެކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އެދިވަޑައިގެންނެވުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ކުށުގެ ވެށިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހައްޔަރުކުރަންޏާ އެކަމަށް އެދެން ޖެހެނީ ޕީޖީ އެވެ. ކުރީ ފަހަރު ހައްޔަރުކުރީ އޭގައި ޕީޖީގެ ރޯލެއް ނެތިކަމުން، އެއީ ގާނުނާ ޚިލާފަށް ކުރި ކަމެއް ކަމަށް ނިންމައި، އެފަހަރު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށްފަ ވެސް އެވެ.