މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު ކައިރިން ސަންވޭ ސަރަހައްދުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު މިއަދު ނިޔާވެއްޖެ އެވެ. 

އެނގިފައިވާ ގޮތުގައި، އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގައި ނިޔާވީ އައްޑޫ ސިޓީގެ ހިތަދޫ އަށް އުފަން 21 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އޭނާ އަކީ މެލޭޝިއާގެ ޔުނިވާސިޓީއެެއްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓް ހިނގީ ޝޮޕިން މޯލަކަށް ގޮސް އެނބުރި ގެޔަށް ދަނިކޮށެވެ. އެ ވަގުތު ކާރުގައި އިތުރު ދިވެއްސަކު ހުރި ކަމަށާއި، އޭނާ އަށް ވެސް އެކިވަރުގެ ހާނިއްކަ ލިބުނު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި، ދަރިވަރު ދަތުރުކުރި ކާރު ހައިވޭގައި އެހެން ކާރަކާ މުޑިއަރައި ހިނގި މި އެކްސިޑެންޓުގައި، އެ ކާރު އޮތީ ފުރޮޅާލަފަ އެވެ.

މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރުމަށާއި ދިރިއުޅުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ވެސް ގޮސް އުޅޭ ގައުމެކެވެ. 

ތަފްސީލް އަންނަނީ....