މޯލްޑިވްސް
މޮނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތަށް ކުރެހުން
ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގައި މާލީ ހޭލުންތެރިކަން
އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގައި ކުޑަކުދީންނަށް
އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެމްއެމްއޭ އިން ބުނީ ސްކޫލް
ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ދެ ކެޓަގަރީއަކުން
ވާދަކުރެވޭނެ ކަމަށެވެ. އެއީ ގްރޭޑް 5 އިން 7 އަށް އަދި ގްރޭޑް 8 އިން 9 ގެ ކެޓަގަރީ އެވެ.
މި މުބާރާތުގައި ޑިޖިޓަލް ކުރެހުންތަކާއި ޑިޖިޓަލްނޫން ކުރެހުންތައް ވެސް
ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި
މުބާރާތުގައި ފަސް ތީމަކަށް ކުރެހުން ހުށަހެޅޭނެ އެވެ. އެއީ މާލީ ދުޅަހެޔޮކަމާއި
ވިސްނުންތެރިކަމާއެކު ފައިސާ ގެންގުޅުން، ފައިސާ ރައްކާކުރުމާއި މުސްތަގުބަލުގެ
އަމާޒުތައް، އެންމެން ބައިވެރިވާ މާލީ އިގްތިސާދު، އީޖާދުތަކާއި ކުރިމަގުގައި
ފައިސާ، އަދި ރައްކާތެރި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމެވެ.
ފިންލިޓް
ފެސްޓް ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހަޅައިގެން 3،000 ރުފިޔާއާ ހަމައަށް
އިނާމު ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުން
ހޮވާލެވޭ ބައެއް ކުރެހުންތައް އެމްއެމްއޭގެ އެކިއެކި އިވެންޓްތަކާއި
ހޭލުންތެރިކަމުގެ ކެންޕޭނުތަކުގައި ވެސް ބޭނުންކުރާނެކަމަށް އެ އޮތޯރިޓީން
ބުންޏެވެ.
މި
މުބާރާތަށް ކުރެހުން ހުށަހަޅާނީ[email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ
އެމްއެމްއޭ އަށް ކުރެހުމުގެ އަސްލު ފޮނުވައިގެންނެވެ. ކުރެހުން
ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.