ށ. ފީވަކު ކައުންސިލުގެ ހަރަދުތައް ކުޑަކޮށްގެން ފައިސާ ބާކީކޮށް އެ ރަށު ކައުންސިލުން ރަށުގައި ފަސް ކޮޓަރީގެ ގެސްޓްހައުސެއް ހަދައިފި އެވެ.
އެ ރަށު ކައުންސިލުގެ ރައީސް އަލީ ރަޝީދު، "މިހާރު" އަށް ވިދާޅުވީ ދެ ބުރިއަށް ނަގާފައިވާ އެތަނަކީ ފަސް ކޮޓަރި އާއި ދެ ސިޓިންރޫމާއި ޓެރަހެއްގެ އިތުރުން ބަދިގެއަކާ އެކު ހަދާފައިވާ ތަނެއް ކަމަށެވެ.

ށ. ފީވަކުގައި ތަރައްގީކުރި ގެސްޓްހައުސްގެ ކޮޓަރިއެއް.--
އެއީ 5.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަން ހަދަން ފައިސާ ހޯދީ ކައުންސިލުތަކަށް ދޫކުރާ ބަޖެޓުން ލިބޭ ފައިސާ އިން ހަރަދުތައް ކުޑަކޮށްގެން ފައިސާ އެއްކޮށްގެންނެވެ.

ށ. ފީވަކުގައި ތަރައްގީކުރި ގެސްޓްހައުސްގެ ރިސެޕްޝަން އޭރިއާ.--
އަލީ ވިދާޅުވީ އެތަން ހިންގުމަށް 20 އަހަރު ދުވަހުގެ މުއްދަތަކަށް "ބަލްމާ ސަންސެޓް" އާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ރަށަށް އަންނަ މެހެމާނުންނަށް ކެވޭނެ ގޮތަކާއި ނިދޭނެ ގޮތެއްތާ ބޭނުންވާނީ. އެހެންވެ، ޓުރިޒަމް ފަށަންށާ އެކީގައި މިހާރު މިތަން ހުޅުވީ،"

ށ. ފީވަކުގައި ތަރައްގީކުރި ގެސްޓްހައުސްގެ ކޮޓަރިއެއްގެ ފާހާނާ.--
އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ފަސް މަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި މަހަކު 22،500ރ. ލިބޭނެ ކަމަށެވެ. އެ މުއްދަތަށް ފަހު ކޮންމެ އަހަރެއްގައި ވެސް އާމްދަނީ އިތުރުވާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ މިފަހުން ރަށުގައި ވަނީ ޓާމިނަލަކާއި ރެސްޓޯރަންޓެއް ވެސް ހުޅުވާފައި ކަމަށެވެ.

ށ. ފީވަކުގައި ތަރައްގީކުރި ގެސްޓްހައުސްގެ ބަދިގެ--
ކައުންސިލުން ކުރާ މި އިވެންޓްމަންޓްތަކަކީ ރަށުގައި ލޯކަލް ޓޫރިޒަމްގެ ހިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށައި މިއީ އެގޮތުން ރަށުގައި ހުޅުވި ފުރަތަމަ ގެސްޓްހައުސް ކަމަށް އޭނާ ވިދާޅުވި އެވެ.

ށ. ފީވަކު ކައުންސިލުން ތަރައްގީކުރި ފެރީ ޓާމިނަލާއި ކެފޭ--
އޭނާ ވިދާޅުވީ އެތަން މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރާނީ ކައުންސިލާއި ރަށުގެ ތަރައްގީއަށް ކަމަށެވެ.