ވިލާ ކޮލެޖުން ހިންގާ އެކި ޕްރޮގްރާމްތަކުން އެންމެ
މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް ދޭ 'ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑު' ދިނުމުގެ ހަފްލާ ބާއްވައިފި އެވެ. 

މިއަހަރުގެ އެ ހަފްލާގައި 54 ދަރިވަރަކަށް މި އެވޯޑު ވަނީ ދީފަ އެވެ. އެ ހަފްލާގައި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ވައިސް ޗާންސެލާ، ޕްރޮފެސާ ސްޓީވަން ވެސްޓް އާއި ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާއި ފެކަލްޓީތަކުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ 29 އިންޑަސްޓްރީ ޕާޓްނަރުންގެ އިސް މަންދޫބުންނާއި ދަސްވެނިންނާއި ބެލެނިވެރިން ބައިވެރިވި އެވެ.

އެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ތަފާތު އެކި ދާއިރާތަކުން ދިވެހިން ފަހުރުވެރިވާ ފަދަ ބޮޑެތި ކާމިޔާބީތަކެއް ވިލާ ކޮލެޖުން ހާސިލުކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި  ކޮލެޖުގެ ބާނީ ގާސިމް އިބްރާހީމަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކައި
ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި، ގައުމީ ހިދުމަތްތެރި ބަތަލެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނައިބު ރައީސް ވިދާޅުވީ ވިލާ ކޮލެޖުން ތަމްރީނުވެ ނިކުތް
ގާތްގަނޑަކަށް 27,000 ދަސްވެނިން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްކުރަމުން ދާއިރު،
ރާއްޖޭގައި ދިވެހިންގެ އަމިއްލަ މުއައްސަސާއަކަށް އެ ކޮލެޖު ވުމަކީ ކޮލެޖަށާއި މުޅި
ގައުމަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހްމަދު އަންވަރު ވަނީ ދަސްވެނިން މި ކާމިޔާބީ ހާސިލުކުރީ އާއިލާގެ
ޒިންމާތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުންކަން ފާހަގަކުރައްވާފަ އެވެ. އަދި ދަސްވެނިންގެ ކާމިޔާބީއަށް ވާސިލުވުމުގައި މަގުދައްކައި އެހީތެރިވެދިނުމަކީ ވިލާ
ކޮލެޖް ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވި އެވެ. 

އެ ރަސްމިއްޔާތުގައި ކޮލެޖުގެ ވައިސް ރެކްޓަ، އެސޯސިއޭޓް ޕްރޮފެސާ، ޑރ. އަލީ ނަޖީބު، ކޮލެޖް މެޑަލް ހާސިލްކުރާ ދަރިވަރުންނަށް
ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ކުންފުނިތަކާއި، ޖައްމިއްޔާ ޖަމާއަތްތަކާއި، ޕްރޮފެޝަނަލް
ބޮޑީތަކާއި ފައުންޑޭޝަންތަކުގެ ތެރެއިން 29 ފަރާތަކުން އިންޑަސްޓްރީ ޕްރައިޒް ހުށަހަޅުއްވާކަން ފާހަގަކުރެއްވި އެވެ.

ނަޖީބު ވިދާޅުވީ، އެ ފަރާތްތައް ކޮލެޖުގެ މަސައްކަތުގައި
ބައިވެރިވެވަޑައިގަތުމަކީ، ކޮލެޖާއި އިންޑަސްޓްރީތަކުގެ މުހިންމު ބައިވެރިންނާ ދެމެދު
އޮތް ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، އަދި ކޮލެޖުގެ ޕްރޮގްރާމްތަކާއި
އެ ޕްރޮގްރާމްތައް ނިންމައި ވަޒީފާގެ ބާޒާރަށް ނިކުންނަ ދަސްވެނިންނަށް އިންޑަސްޓްރީގެ
ފުރިހަމަ އިތުބާރު އޮތްކަން ހާމަވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޕްރޮގްރާމްތަކުން
ގިނަ ދަރިވަރުންތަކެއް މަތީ ވަނަތައް ހޯދާފައިވުމަކީ، ވިލާ ކޮލެޖުގައި ތިބެގެން ކިޔަވާ
ދަރިވަރުން ވެސް، ޔޫކޭގެ ބްރިސްޓޮލްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނާ އެއް ފެންވަރެއްގައި
ކުރިއަރަމުންދާ ކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިފަދަ
ފަހުރުވެރި ވަނަތަކެއް ހޯދި ދަރިވަރުންގެ ތެރޭގައި، ވަޒީފާގެ ބުރަ މަސްއޫލިއްޔަތުތަކާއި އާއިލީ ޒިންމާތައް އަދާކުރަމުން ކިޔެވި ގިނަ ދަރިވަރުންތަކެއް ހިމެނޭކަން ވެސް އެމަނިކުފާނު
ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ކޮލެޖުގެ ތަސައްވުރާ ގުޅޭގޮތުން ޑރ. ނަޖީބު ވިދާޅުވީ، ކޮލެޖުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ކުރިމަގުގެ ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ދަސްވެނިންތަކެއް ބިނާކުރުމަށް ކަމަށެވެ. އެގޮތުން ޔޫކޭގެ ކޮލިޓީ އެޝުއަރެންސް އޭޖެންސީ (ކިއުއޭއޭ ޔޫކޭ)ގެ އިންޓަނޭޝަނަލް އެކްރެޑިޓޭޝަންގެ ފައިނަލް މަރުހަލާ ވިލާ ކޮލެޖުން ނިންމާފައި ވާއިރު، ކިއުއެސް ސްޓާޒް ރޭޓިން ސިސްޓަމުން ފަސް ތަރީގެ ރޭޓިން ލިބުނު ރާއްޖޭގެ ހަމައެކަނި ތައުލީމީ މުއައްސަސާއަކީ ވިލާ ކޮލެޖްކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި ދަރިވަރުންގެ އަމަލީ ތަޖުރިބާ މުއްސަނދިކޮށް މުޖުތަމައާ ގުޅުވައިލުމަށްޓަކައި، ކޮލެޖުން އަލަށް ތައާރަފުކުރި "ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓާ" އާއި ކްލާސްރޫމުން ބޭރުން ދަރިވަރުން ހޯދާ ތަޖުރިބާތަކާއި ހުނަރުތައް ވަޒީފާދޭ ފަރާތްތަކަށް ހާމަކޮށްދޭ "ލާނިން ޕްރޮފައިލް" ވެސް ފާހަގަކުރެއްވި އެވެ.

މިއަހަރުގެ ހަފްލާގައި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކޮށް، ކިޔެވި ޕްރޮގްރާމުން އެންމެ މަތީ އެވްރެޖް މާކްސް ހޯދައިގެން ގާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް 36 ދަރިވަރަކު ހާސިލުކުރި އިރު، ކޮންމެ ބެޗަކުން އެއް ވަނަ ހޯދާ ދަރިވަރުންނަށް ލިބޭ ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް 53 ދަރިވަރުން ވަނީ ހޯދާފަ އެވެ. ގާސިމް އިބްރާހީމް އެވޯޑް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް ކޮލެޖް މެޑަލް ވެސް ލިބިފައިވުމާއެކު، ސްޕެޝަލް އެކަޑަމިކް ޕާފޯމަންސް ރެކޮގްނިޝަން ހޯދި ދަރިވަރާ އެކު އެ ހަފްލާގައި ޖުމްލަ 54 ދަރިވަރެއްގެ ކާމިޔާބީ ވަނީ ފާހަގަކޮށްފަ އެވެ.

ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ 'ގާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް' ލިބެނީ، ކްލާހުގެ ފަސްޓް ކްލާސް ނުވަތަ ޑިސްޓިންކްޝަން ހާސިލުކޮށް، ކިޔެވި ޕްރޮގްރާމުން އެންމެ މަތީ ސީޖީޕީއޭ ނުވަތަ އެންމެ މަތީ އެވްރެޖް މާކްސް ހޯދާ ދަރިވަރުންނަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އިންޑަސްޓްރީ ލީޑަރުންނާ ގުޅިގެން ދެމުން އަންނަ 'ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް' ދެނީ ކޮންމެ ޕްރޮގްރާމެއްގެ ކޮންމެ ބެޗަކުން ފަސްޓް ކްލާސް ނުވަތަ ޑިސްޓިންކްޝަނާއެކު އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށެވެ. އޭގެއިތުރުން 'ސްޕެޝަލް އެކަޑަމިކް ޕާފޯމަންސް ރެކޮގްނިޝަން' އަކީ ބައިނަލްއަގުވާމީ އިމްތިހާނުތަކުން ރާއްޖެއިން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ކޮލެޖުން ދޭ ސެޓްފިކެޓް އޮފް އެޗީވްމަންޓެކެވެ. 

މިއީ 2021 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ އެވޯޑު ހަފްލާ އެކެވެ. މިއީ މި އެވޯޑު ހަފްލާ ބާއްވާ ހަ ވަނަ އަހަރެވެ.